އާ އަހަރާ ދިމާކޮށް ރާއްޖެއަަށް އަންނަ ފަތުރުވެރިން ގިނަވުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް ބާރުބޮޑުވެ، އެއާ ޓްރެފިކް މޫވްމަންޓް ރެކޯޑު 42 އިންސައްތަ އިތުރުވެއްޖެއެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު (އެމްއޭސީއެލް)އިން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި އިއްޔެ އެކަނިވެސް ވީއައިއޭގެ އެއާ ޓްރެފިކް މޫވްމަންޓް 576 އަށް ވަނީ އަރައިފައެވެ. އެގޮތުން އިއްޔެ ރާއްޖެއަށް 5،856 މީހުން އައިސްފައިވާ ކަމަށް އެމްއޭސީއެލުން ބުންޏެވެ. އޭގެ ތެރޭގައި 5،674 މީހުންނަކީ ފަތުރުވެރިންގެ ގޮތުގައި ރާއްޖެ އައި މީހުންނެވެ.

އިއްޔެއަކީ ޖުލައި 15ގައި ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން އެންމެ ގިނަ ފަތުރުވެރިން އައި ދުވަސްވެސް މެއެވެ.

ކޮވިޑް 19އާ ގުޅިގެން މާޗު 27 ގައި ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު ޖުލައި 15ގައި އަލުން ހުޅުވާލުމާއެކު ބައިނަލްއަގުވާމީ ގިނަ އެއާލައިންތަކުން އަންނަނީ ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ބާއްވަމުންނެވެ. އެގޮތުން ދުނިޔޭގެ މަގުބޫލު އެއާލައިންތައް ހިމެނޭހެން ރާއްޖެއަށް މިހާރު އަންނަނީ 21 އެއާލައިނަކުން ޝެޑިއުލް ދަތުރުތައް ބާއްވަމުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ބޯޑަރު ހުޅުވިފަހުން އިއްޔެގެ ނިޔަލަށް 132،803 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އަދި މިއަހަރުގެ މިހާތަނަށް ޖުމްލަ 515،650 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.