ކޮވިޑް 19 ޖެހިގެން ސްރީލަންކާގައި މަރުވާ މުސްލިމުން، އިސްލާމީ އުސޫލުތަކާ އެއްގޮތަށް ރާއްޖޭގައި ވަޅުލަން ލަންކާގެ ގޮޓަބަޔަ ރާޖަޕަކްސައަށް ހިޔާލު ދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
ކޮވިޑް ޖެހިގެން ލަންކާގައިި މަރުވާ އެންމެން އެންދުން އެ ގައުމުން މަޖުބޫރުކުރުމާއެކު އެގައުމުގެ މުސްލިމުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެހެންކަމުން އެގައުމުގެ މުސްލިމުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ކޮވިޑް ޖެހިގެން އެގައުމުގައި މަރުވާ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ރާއްޖޭގައި ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދޭން ލަންކާ ސަރުކާރުން ވަނީ އެދިފައެވެ. އެ އިންތިޒާމު ހަމަޖެއްސުމާ ގުޅޭގޮތުން ސަރުކާރުން މަޝްވަރާ ކުރަމުން އަންނަ އިރު، އެކަމާ ގުޅޭގޮތުން ދީނީ އިލްމުވެރިންގެ މެދުގައި ހިޔާލުތަފާތުވުންތައްވެސް އުފެދުނެވެ.
ލަންކާގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ޑރ. ހެމަންތާ ހެރާތުއާ ހަވާލާދީ އެ ގައުމުގެ ބައެއް ނޫސްތަކުން ބުނީ ކޮވިޑް ޖެހިގެން ލަންކާގައި މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލައިދޭނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން އަންގާފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ބުނީ، ކޮވިޑް ޖެހިގެން ލަންކާގައި މަރުވާ މުސްލިމުންގެ ޖަނާޒާގެ ކަންކަން ރާއްޖޭގައި ކޮށްދިނުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީފުޅެއް ފޮނުއްވީ ލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ ކަމަށެވެ.
ކޮވިޑް ޖެހިގެން ލަންކާގައި މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލައިދިނުމަށް ލަންކާއިން އެދުމުން އެކަމާ ބޮޑެތި ބަހުސްތަކެއް ކުރެވުނެވެ. އަދި އެކަމުގެ އަޑީގައި ފޮރުވާފައިވާ ކަންތައްތަކެއްވާކަމުގެ ތުހުމަތުތައް ކުރެވުނެވެ.
ލަންކާގެ ނޫހެއް ކަމުގައިވާ "ނިއުސް އިން އޭޝިއާ"ގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، ކޮވިޑް ޖެހިގެން ލަންކާގައި މަރުވާ މުސްލިމުންގެ ޖަނާޒާގެ ކަންކަން ރާއްޖޭގައި ކުރުމުގެ ހިޔާލު ލަންކާގެ ރައީސަށް ދެއްވީ ރައީސް ނަޝީދެވެ. ރައީސް ނަޝީދު ވަނީ ކޮވިޑް ޖެހިގެން ލަންކާގައި މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލުމަށް ތާއީދުވެސް ކުރައްވައިފައެވެ.
ނިއުސް އިން އޭޝިއާގެ ރިޕޯޓުގައި ބުނީ، ކޮވިޑް ޖެހިގެން ލަންކާގައި މަރުވާ މީހުންގެ ހަށިތައް އަންދާތީ އެ ގައުމުގެ މުސްލިމް ލީޑަރުން ވަނީ ބޮޑީ ބޭގެއްގައި މުސްލިމުންގެ ހަށިތައް ކޮންކްރީޓް ސަންދޯކަށް ލައި، ވަޅުލައިދޭން ހުށަހަޅައިފައި ކަމަށެވެ. އެ ހުށަހެޅުމަށް އެއިރު ލަންކާ ސަރުކާރުން ތާއީދުވެސް ކުރިއެވެ. ނަމަވެސް އެ މައްސަލައިގައި ވަކި ގޮތެއް ނުނިމި ދިގުލައިގެންދާތީ މުސްލިމް ގައުމުތަކުގެ ލީޑަރުންގެ އެހީތެރިކަމަށް ލަންކާގެ މުސްލިމުން އެދުނު ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އެގޮތުން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން އަދި މެލޭޝިޔާގެ ބޮޑުވަޒީރުގެ އިތުރުން މުސްލިމު އެހެން ލީޑަރުންގެ އެހީތެރިކަމަށް ވެސް އެދުނު ކަމަށް ބުންޏެވެ. ރިޕޯޓުގައި ބުނީ، ކޮވިޑް ޖެހިގެން ލަންކާގައި މަރުވާ މުސްލިމުންގެ ހަށިތައް އެހެން ގައުމުތަކުގައި ވަޅުލުމަކީ ސަރުކާރާ ދެމެދު ވާން ޖެހޭ އެއްބަސްވުމެއް ކަމަށް ލީޑަރުން ބުނެފައިވާ ކަމަށެވެ. ރިޕޯޓުގައިވާ ގޮތުން ރާއްޖޭގައި އެމީހުން ވަޅުލުމަށް ލަންކާގެ ރައީސަށް، މަޖިލިސް ރައީސް ނަޝީދު ހިޔާލު ދެއްވީ އެހާ ހިސާބުންނެވެ.
"ލަންކާގައި މަރުވާ މުސްލިމުންގެ ހަށިތައް ރާއްޖެ ފޮނުވަން މުހައްމަދު ނަޝީދު، ސްރީލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސައަށް ހިޔާލު ދެއްވީ މި ސްޓޭޖުގައި. އެއާއެކު ލަންކާގެ ރައީސް ވަނީ ރާއްޖޭގެ ރައީސް އިބްރާހިމް ސޯލިހަށް ރަސްމީކޮށް އެކަމަށް އެދިވަޑައިގެންފައި." އެ ނޫހުން ރިޕޯޓުކޮށްފައިވެއެވެ.
ކޮވިޑް ޖެހިގެން ލަންކާގައި މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލައިދޭން އެގައުމުން އެދިފައިވާ އިރު، އެކަމާ ގުޅިގެން ބޮޑެތި ހިޔާލުތަފާތުވުންތައް އުފެދެން ފެށުމުން ލަންކާ ސަރުކާރުން ވަނީ އެގައުމުގައި ކޮވިޑް ޖެހިގެން މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލަން ކުރަމުން ދިޔަ މަސައްކަތްތައް ހުއްޓާލައިފައެވެ.
[ނިއުސް އިން އޭޝިއާގައި ޝާއިއުކޮށްފައިވާ ރިޕޯޓު](https://newsin.asia/permission-to-bury-muslim-covid-dead-in-concrete-graves-expected-in-a-few-days/)
ޚަބަރު
ޚަބަރު
ޚަބަރު