ޝަރުއީ ލަފްޒުތަކުގެ މާނަ އޮޅުވާލުމަކީ ގާނޫނު އަސާސީއާ ހިލާފުކަމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ވަނީ އިސްލާމްދީނުގައި ބޭނުން ކުރަމުން އަންނަ ޝަރުއީ ލަފްޒުތައް ބޭނުން ކުރަންވާނީ އިސްލާމީ ޝަރީއަތުގައި އެ ލަފްޒުތައް ބޭނުން ކުރަމުން އަންނަ ގޮތަށް ކަމަށާއި އަދި ގާނޫނީ ގޮތުންވެސް މިފަދަ ޝަރުއީ ލަފްޒުތައް ބޭނުންކުރަމުން އަންނަނީ އިސްލާމީ ޝަރީއަތުގައި ވާގޮތަށް ކަމަށެވެ.

"މިސާލަކަށް، ޒިނޭ ވާނީ ޒިނޭއަށް. ކައިވެނި ވާނީ ކައިވެންޏަށް. ލިވާތު ވާނީ ލިވާތަށް،" އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އިސްލާމްދީނަކީ ރާއްޖޭގެ ގާނޫނުގެ މައިގަނޑު މަސްދަރު ކަމަށާއި މިފަދަ ލަފްޒުތަކުގެ މާނަ ގެއްލޭނެ ފަދައިން ބޭނުންކުރުމަކީ ޝަރުއީ މިންގަނޑުތަކާއި ގާނޫނުއަސާސީއާ ހިލާފުކަމެއް ކަމަށެވެ. އެހެންކަމުން ޝަރުއީ ލަފްޒުތައް ބޭނުން ކުރަންވާނީ އިސްލާމީ ޝަރީއަތުގައި އެ ލަފްޒުތައް ބޭނުން ކުރުމަށް އޮންނަ ގޮތަށް ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން މިގޮތަށް ޓުވީޓުކޮށްފައި މިވަނީ ޒިނޭކޮށްގެން ހޯދާ ދަރީންގެ ބައްޕަ ދެނެގަތުމަށް ޑީއެންއޭގެ ބޭނުން ނުކުރެވޭނެ ކަމަށް ހައި ކޯޓުން ކުރި ހުކުމެއްގައި ބުނެފައިވާތީ، އެކަމުގެ ބަހުސް ބޮޑުވެފައިވަނިކޮށެވެ. އަދި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ވެސް އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ނިންމާފައިވާތީ، ބައެއް ފަރާތްތަކުން ވަނީ އެކަމަށް ފާޑު ކިޔައިފައެވެ.

އެގޮތުން މިކަމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވަނީ އޭނާގެ ބްލޮގްގައި ދިގު މަޒުމޫނެއް އާންމުކޮށްފައެވެ. އެ ބްލޮގްގައި އޭނާ ވަނީ ކުރިން ބޭނުން ކުރި ލަފްޒުތަކާއި މިހާރު އެ ލަފްޒުތައް ބޭނުންކުރެވޭ ގޮތްތައް ތަފްސީލުކޮށް ކިޔައިދެއްވައިފައެވެ. އޭގައި ގާނޫނީ ޒިނޭ އާއި ޝަރުއީ ޒިނޭ ތަފްސީލުކޮށް ވަނީ ލިޔެދީފައެވެ. އެގޮތުން ގާނޫނީ ޒިނޭ ސާބިތު ކުރުމަށް ޑީއެންއޭގެ ބޭނުންކުރެވޭނެ ކަމަށް ޝަމީމް ވަނީ ވިދާޅުވެފައެވެ.