ކީ ސްޓޭޖް ދަރިވަރުންނާއި ފައުންޑޭޝަންގެ ދަރިވަރުން ހަފުތާއަކު ފަސް ދުވަހު ސްކޫލަށް ދާ ގޮތަށް ދެވަނަ ޓާމުގެ ކިޔެވުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށް ހާއްސަ ސާކިއުލާއެއް ނެރެފި އެވެ.

ކޮވިޑް-19ގެ ހާލަތާ ގުޅިގެން ސްކޫލްތައް ބަންދުކުރުމަށްފަހު އަތޮޅުތެރޭގެ ސްކޫލުތައް ހުޅުވައި ހަފުތާއަކު ހަތަރު ދުވަހު ސްކޫލަށް ދަރިވަރުން ގެންގޮސްގެން ކިޔެވޭނެ ގޮތަށް ވަނީ ހަމަޖައްސައިފި އެވެ. އަދި މި ދުވަސްތަކުގައި ކިޔަވައިދިނުމަށް ނިންމާފައިވަނީ ކޮންމެ ސެޝަނެއް ހަތަރު ގަޑިއިރަށެވެ. ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީ އިން މިއަދު އާންމުކޮށްފައިވާ ސާކިއުލާގައި ބުނެފައިވަނީ ފައުންޑޭޝަންގެ ދަރިވަރުންނާއި ކީސްޓޭޖުގެ ދަރިވަރުން ދެވަނަ ޓާމުން ފެށިގެން ހަފުތާއަކު ފަސް ދުވަހު ސްކޫލަށް ގޮސްގެން ކިޔެވުން ކުރިއަށްގެންދާނެ ކަމަށެވެ.

އެ ސާކިއުލާގައިވާ ގޮތުން ކޮންމެ ދުވަހަކުވެސް ސްކޫލުގައި ކިޔަވައިދޭނީ ފަސް ގަޑިއިރަށް ކަމަށާއި މި ފަސް ގަޑިއިރުގެ ތެރެއިންވެސް އެއް ގަޑިއިރު ދަރިވަރުން އެކިއެކި ހަރަކާތްތަކަށް ހާއްސަ ކުރާނެ ކަމަށެވެ. އަދި އޮންލައިންކޮށް ކްލާސްތައް ނަގަމުންދާނެ ކަމަށްވެސް ސާކިއުލާގައި ވަނީ ބުނެފަ އެވެ.

ކޮވިޑާ ގުޅިގެން ސްކޫލުތައް ބަންދުކުރީ މިދިޔަ މާޗް މަހުގެ ކުރީކޮޅެވެ. ނަމަވެސް ކިޔެވުން މެދުނުކެނޑި ކުރިޔަށް ގެންދިއުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ޓީވީތައް މެދުވެރިކޮށް ޓެލިކިލާސްތަކާއި އޮންލައިން ގޫގުލް ކުލާސްތައް ކުރިއަށް ގެންގޮސްފައެވެ. ކޮވިޑް ނެތް ރަށްރަށުގެ ސްކޫލުތަކުގެ ހުރިހާ ގުރޭޑަކަށް މިއަހަރުގެ ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކިޔަވައިދޭން ފެށި ނަމަވެސް މާލޭގެ ސްކޫލުތައް ހުޅުވައި ކިޔަވައިދޭނީ ގުރޭޑް 9 އިން މަތީގެ ގުރޭޑް ތަކަށެވެ. ސްކޫލްތައް ހިންގާނެ ގޮތް ކަނޑައަޅާފައިވަނީ އެޑިއުކޭޝަން މިނިސްޓްރީ އާއި ސްކޫލުތަކާ ގުޅިގެންނެވެ.

މި ސާކިއުލާގައި އިތުރަށް ބުނެފައިވަނީ ދަރިވަރުން ސްކޫލަށް ވައްދާނީ ހުން ބެލުމަށްފަހުގައި ކަމަށެވެ. އަދި ސްކޫލު އަލުން ހުޅުވުން ބަހާލާފައިވަނީ ތިން ފިޔަވައްސަކަށެވެ. ފުރަތަމަ ކެޓަގަރީގައި، ކޮވިޑާ ގުޅިގެން ލޮކްޑައުން ކޮށްފައިވާ ރަށްރަށުގެ ސްކޫލުތައް ބަންދުވާއިރު، ދެ ވަނަ ކެޓަގަރީގައި މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްރަށުގައި ކިޔަވައިދިނުމުގެ ކަންކަން ހަމަޖައްސަން ނިންމާފައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ލަފާގެ މަތިންނެވެ.

އާ އާންމު ހަލަތާއެކު ސްކޫލުތައް ހުޅުވުނު އިރު ސްކޫލުގައި އަތް ދޮވެވޭނެ އިންތިޒާމް ވަނީ ހަމަޖައްސައިފަ އެވެ. އަދި ކުލާސްރޫމްތަކުގައި ދަރިވަރުން ތިބޭ އަދަދު މަދުކޮށް، ގޮނޑި މޭޒުތައް ވެސް ދުރުކޮށްފައިވާ އިރު، ދަރިވަރުންނާއި ސްކޫލުގެ މުވައްޒަފުން އަބަދުވެސް ތިބެން ޖެހޭނީ މާސްކު އަޅައިގެންނެވެ.

ދެވަނަ ޓާމުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 10 ވަނަ ދުވަހު އެވެ.