ސްރީލަންކާގައި ކޮވިޑް-19ގައި މަރުވާ މުސްލިމުންގެ ހަށިގަނޑުތައް ރާއްޖޭގައި ވަޅުލާން ފޮނުވުމުގެ ވިސްނުން ދޫކޮށްލާފައިވާ ކަމަށް ލަންކާ ސަރުކާރުގެ ކެބިނެޓްގެ ތަރުޖަމާނު ކެހެލިޔަ ރަމްބުކްވެއްލާ ވިދާޅުވެއްޖެ އެވެ.

ކޮވިޑް ޖެހިގެން ލަންކާގައި މަރުވާ މުސްލިމުންގެ ހަށިތައް އަންދާތީ އެ މައްސަލަ ބޮޑުވުމުން، ރާއްޖޭގައި ވަޅުލާން ފޮނުވުމުގެ ވިސްނުން މީގެ ކުރިން އެގައުމުން ވަނީ ގެންގުޅެފަ އެވެ. އަދި އެކަމަށް އެދުމުން، ދިވެހި ސަރުކާރުން ވެސް ވަނީ އެކަމާމެދު މަޝްވަރާތަކެއް ކޮށްފަ އެވެ.

ލަންކާ ސަރުކާރުގެ ކެބިނެޓުގެ ތަރުޖަމާނު ކެހެލިޔަ ރަމްބުކްވެއްލަ ވިދާޅުވީ ކޮވިޑުގައި މަރުވާ މުސްލިމުން ވަޅުލުމަށް ރާއްޖެއަށް ފޮނުވުމުގެ ވިސްނުމެއް މިހާރު ނެތް ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

ލަންކާގެ މުސްލިމުންގެ ކައުންސިލްގެ ނައިބް ރައީސް ހިލްމީ އަހުމަދު ވިދާޅުވީ ލަންކާގައި މި ބަލީގައި މަރުވާ މުސްލިމުންގެ ހަށިގަނޑުތައް ކޮންކްރީޓް ކަށްވަޅުތަކެއްގައި ވަޅުލުމަށް ނިންމާފައިވާ ކަމަށެވެ. މި ވަޅުތަކުގެ ޑިޒައިންތައް ކުރިއަށް އޮތް ދެ ދުވަހެއް ތެރޭގައި ސަރުކާރުގެ އިސްވެރިން ފައިނަލްކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮވިޑް ޖެހިގެން ސްރީލަންކާގައި މަރުވާ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ސްރީލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާތީ، ރާއްޖޭގައި ސްރީލަންކާގެ މިފަދަ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައި ދިނުމަށް އެހީތެރިކަން ހޯއްދެވުމަށް އެދިވަޑައިގެން ސްރީލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީފުޅެއް ފޮނުއްވުމުން ދިވެހި ސަރުކާރުން ވަނީ އެކަމާމެދު މަޝްވަރާ ކޮށްފަ އެވެ.

ނަމަވެސް އެކަމާ ގުޅިގެން ރާއްޖޭގެ ބައެއް ސިޔާސީ ފަރާތްތަކާއި ދީނީ އިލްމުވެރިންގެ މެދުގައި ވަނީ ވަރަށް ބޮޑަށް ހިޔާލު ތަފާތުވެފަ އެވެ.