ރ. މަޑުއްވަރީ ދެކުނު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ތެރެއިން، އެއްގަމު ތޮށި ލުމަށް ބޭނުންވާ އެލް ބްލޮކް އެތުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްޓިސީސީން ބުނެފި އެވެ.

ޖުމްލަ 68.6 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކުރި މި މަސައްކަތް މޮބިލައިޒް ކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު އެވެ. އެމްޓީސީސީން ބުނީ މަޑުއްވަރީ ދެކުނު ފަރާތު ބަނދަރު މަޝްރޫއުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 72،800 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 566 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި 411 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުން ހިމެނެ އެވެ.

އޭގެ އިތުރުން 135 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި ނެރު ބައްތި އާއި މަގު ބައްތި ހަރުކުރުމާއި 2،825 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހަދާނެ އެވެ.