ލ. އިސްދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ތެރެއިން ބަނދަރު ފުންކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން، މިހާރު ކުރަމުން އަންނަނީ ބަނދަރުގެ އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކް އެތުރުމުގެ މަސައްކަތް ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 27،129 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 230 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި 208 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި 98 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެ އެވެ. އަދި ބަނދަރު ބައްތި ހަރުކުރުމާއި 1،560 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހަދާނެ އެވެ.

ޖުމްލަ 34.7 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ މަސައްކަތް މޮބިލައިޒް ކޮށްފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގެ ހަތަރު ވަނަ ދުވަހު އެވެ.