އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗުގައި ބޮޑު ތަފާތަކުން ލީޑްސް ބަލިކޮށް، އެޓީމުން ތާވަލުގެ ތިންވަނައަށް ޖެހިލައިފިއެވެ.
އޯލްޑް ޓްރެފޯޑުގައި ރޭ ކުޅުނު މެޗުން ޔުނައިޓެޑް މޮޅުވީ 6-2 ގެ ނަތީޖާއަކުންނެވެ. ފަހަކަށް އައިސް ތަފާތު ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ ޔުނައިޓެޑުން މިރޭގެ މެޗުގައި ހޯދި ތިން ޕޮއިންޓާއެކު އެޓީމު ވަނީ ތާވަލުގެ ތިންވަނައަށް ޖެހިލައިފައެވެ. ކޯޗު އޮލެގުނަ ސޮލްސްޖާއަށް ވަރަށް ބޮޑަށް ޕްރެޝަރު ކުޑަވެފައިވާއިރު، މިހާތަނަށް ލީގުގައި ކުޅުނު 13 މެޗުން 26 ޕޮއިންޓް ހޯދައިފައެވެ.
ޕްރިމިއާ ލީގު ތާވަލުގެ އެއްވަނައިން ވާދަވެރިކޮށް ދިޔަ ޓޮޓެންހަމްއިން ރޭ ލެސްޓާ ސިޓީ އަތުން ބަލިވުމާއެކު އެޓީމު ވަނީ ފަސްވަނައަށް ވެއްޓިފައެވެ. 14 މެޗުން 25 ޕޮއިންޓް ޓޮޓެންހަމްއަށް ލިބިފައިވާއިރު، ދެވަނައިގައި ލެސްޓާ އޮތީ 14 މެޗުން 27 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި ލިވަޕޫލް އޮތީ 14 މެޗުން 31 ޕޮއިންޓް ހޯދައިގެންނެވެ.
ރޭ މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗުގެ ފުރަތަމަ ތިން މިނެޓުގައި ސްކޮޓް މެކްޓޮމިނޭގެ ދެ ގޯލް ފެނިގެން ދިޔައެވެ. އޭނާ ވެފައި ވަނީ ޕްރިމިއާ ލީގުގެ ތާރީހުގައިވެސް މެޗެއްގެ ފުރަތަމަ ތިން މިނެޓް ތެރޭގައި ދެ ގޯލް ޖެހި ހަމައެކަނި ކުޅުންތެރިޔާއަށެވެ. މެކްޓޮމިނޭގެ ފުރަތަމަ ގޯލް 67 ސިކުންތު ތެރޭގައި ޖަހާފައިވާއިރު، އޭގެ ކުޑަ އިރުކޮޅެއްފަހުން އެންތޮނީ މާޝިއަލް ދިން ޕާހަކުން މެކްޓޮމިނޭ ދެވަނަ ގޯލް ޖެހިއެވެ.
ރޭގެ މެޗުގައި ޔުނައިޓެޑްގެ ޕޯޗުގަލް ތަރި ބްރޫނޯ ފެނާންޑޭޒް ދެ ގޯލް ޖަހާ އެސިސްޓެއްވެސް ކޮށްފައިވާއިރު، އިތުރު ގޯލްތައް ޖެހީ ވިކްޓާ ލިންޑަލޯފްގެ އިތުރުން ޑެނިއަލް ޖޭމްސްއެވެ. ފެނާންޑޭޒްގެ ދެ ގޯލްގެ ތެރެއިން އެއް ގޯލަކީ ޕެނެލްޓީއެކެވެ. ޔުނައިޓެޑަށް ލިބުނު ޕެނެލްޓީއަކީ އޭރިއާ ތެރެއިން ޕަސްކަލް ޓުރުއިކް މާޝިއަލްއަށް ކުރި ފައުލަކަށް ދިން ޕެނެލްޓީއެކެވެ.
ލީޑްސްގެ ދެ ގޯލް ޖަހައިދިނީ ލިއާމް ކޫޕާގެ އިތުރުން ސްޓާޓް ޑަލަސްއެވެ. ރޭގެ މެޗުން ބަލިވެ ލީޑްސް އޮތީ 14 ވަނައިގައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު