ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނަ މި ދަނޑިވަޅުގައި ފަތުރުވެރިންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުވުމަށް ޓޫރިޒަމް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

ޓޫރިސްޓު ހިދުމަތްދޭ ތަންތަނުގަައި ގާއިމުކޮށްފައިވާ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ އެކްޝަން ޕްލޭންތައް ބޭނުންޖެހިއްޖެ ހާލަތެއްގައި ތަންފީޒު ކުރެވޭނެކަން ކަށަވަރުކުރުމާއި އަދި ހާއްސަކޮށް މޫދުގައި އުޅޭ އުޅުމުގައި ސަލާމަތާއި ރައްކާތެރިކަމަށް އިތުރަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށް ޓޫރިޒަމް މިނިސްޓްރީން މިއަދު ވަނީ ޓޫރިސްޓު ހިދުމަތްދޭ ތަންތަނަށް ސާކިއުލާއެއް ފޮނުވައިފައެވެ.

އެ ގައިޑްލައިނުގައި މިނިސްޓްރީން ވަނީ ކޮވިޑް 19އާ ގުޅިގެން އެޗްޕީއޭ އާއި ޓޫރިޒަމް މިނިސްޓްރީން އެކަށައަޅާފައިވާ ޕްރޮޓޮކޯލްތަކާއި ގައިޑްލައިންތައް ފުރިހަމައަށް ތަންފީޒު ކުރުމަށް ހާއްސަ އަހަންމިއްޔަތުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.

ތަފާތު ގޮންޖެހުންތަކާއެކު ވެސް ފަތުރުވެރިކަމުގެ ސިނާއަތު ކުރިއަރުވައި އާރޯކުރުމަށް ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުން ކުރައްވަމުން ގެންދަވާ މިންނެތް މަސައްކަތަށާއި ދެއްވާ އެއްބާރުލުމަށް އެ ސާކިއުލާގައި ވަނީ ޝުކުރު އަދާކޮށްފައެވެ.

ކޮވިޑާ ގުޅިގެން މާޗު 27ގައި ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު ބޯޑަރު އަލުން ހުޅުވީ ޖުލައި 15 ގައެވެ. އޭގެ ފަހުން މިހާތަނަށް ރާއްޖެއަށް ވަނީ 122،000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައެވެ. އަދި މިއަހަރަށް ސަރުކާރުން ކަނޑައެޅި 500،000 ފަތުރުވެރިންގެ އަމާޒަށްވެސް މިހާރު ވަނީ ވާސިލުވެފައެވެ.