ނ. ޅޮހީ އިސް މެޖިސްޓްރޭޓް އަހުމަދު ހަސަންމަނިކުގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީން މިއަދު ބުނީ އެ މައްސަލައަކީ، ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ހަޒާނާތުގެ މައްސަލައެއްގައި ދައުވާކުރި ފަރާތާ ކުއްޖާ ހަވާލުކުރުމަށް ވަގުތީ އަމުރެއް ނެރެ، އެ އަމުރު ހައިކޯޓުން ބާތިލް ކުރުމުން ވެސް، ކުއްޖާ ކުރިން ހުރި ހާލަތަށް ރުޖޫއަ ކުރުމެއް ނެތި، ދައުވާކުރި ފަރާތުން ބޭނުންވި މަގުސަދު ހާސިލްވާ ގޮތަށް މައްސަލައިގެ ހާލަތު ދަމަހައްޓާފައިވާ މައްސަލައެއް ކަމަށެވެ.

އަދި އެ މައްސަލަ ތާވަލުނުކޮށް ގިނަ ދުވަސްތަކެއް ފާއިތުވުމަށްފަހު ދައުވާކުރާ ފަރާތައް އެކަނި ޗިޓް ފޮނުވައި، ދައުވާ ލިބޭ ފަރާތުގެ ބަހެއް ނެތި ދައުވާ ބާތިލް ކޮށްފައިވާ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.

ޖޭއެސްސީން ބުނީ އެ މައްސަލަ ބަލައި ގޮތެއް ނިންމުމަށް މިއަދު ތަހުގީގު ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.