ޕީއެސްޖީގެ ބްރެޒިލް ފޯވަޑް، ނޭމާގެ ފައިގެ ކުޑަހުޅަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވެ، އަންނަ މަހު އެނބުރި ކުޅުމަށް އަންނާނެ ކަމަށް އެ ކުލަބުން ބުނެފިއެވެ.

ފްރާންސް ލީގުގައި މިމަހު 13 ވަނަ ދުވަހު ޕީއެސްޖީން ލިއޯންއާ ދެކޮޅަށް ކުޅުނު މެޗުގައި ނޭމާގެ ފަޔަށް އަނިޔާވެ، އޭނާ ބާލާފައިވަނީ އަށިގަނޑުގައެވެ. ނޭމާގެ ފަޔަށް ލިއޯންގެ ތިއާގޯ މެންޑޭޒް ކުރި ފައުލާ ގުޅިގެން ތީއާގޯއަށް ވަނީ ރަތް ކާޑު ވެސް ދައްކައިފަ އެވެ. ނޭމާ ފައިގެ ކުޑަހުޅަށް މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން އަނިޔާ ވެފައިވާއިރު، ކުޑަހުޅުގެ ކަށިކޮޅެއް ބިންދައިގެން ގޮސް ނޭމާއަށް ވަނީ ކޮޕާ އެމެރިކާގެ އިތުރުން ޕީއެސްޖީއާއެކު ހޭދަކުރި ފުރަތަމަ ސީޒަންގެ ބޮޑުބައެއް ވެސް ގެއްލިފަ އެވެ.

ޕީއެސްޖީން ނެރުނު ބަޔާނެއްގައި ބުނީ، ނޭމާ ފައިގެ ކުޑަހުޅުގެ ކަށިގަނޑަށް ކޮންމެ ވެސް ވަރެއްގެ އަނިޔާއެއް ލިބިފައިވާ ކަމަށާއި މިހާރު އަނިޔާއިން ރަނގަޅުވާން ފަށާފައިވާ ކަމަށެވެ. އަދި ޖެނުއަރީ މަހުގެ ތެރޭގައި ނޭމާ އެނބުރި އަންނާނެ ކަމަށް ބުނެފައިވެ އެވެ.

ޕީއެސްޖީން ބުނެފައިވަނީ ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި ޕީއެސްޖީން ބާސެލޯނާއާ ދެކޮޅަށް، ފެބްރުއަރީ މަސް ތެރޭގައި ކުޅޭ މެޗަށް ނޭމާ ފުލްކޮށް ފިޓްވާނެ ކަމަށެވެ. ބާސާ އަކީ ނޭމާގެ ކުރީގެ ކުލަބެވެ. އޭނާ 2017 ވަނަ އަހަރު ޕީއެސްޖީއަށް ބަދަލުވީ 222 މިލިއަން ޔޫރޯގެ ރެކޯޑު އަގަކަށެވެ.