މާލެ އާއި އަތޮޅުތެރޭގެ ގިނަ ސްކޫލުތަކަކަށް ބިދޭސީ ޓިޗަރުންގެ ބަދަލުގައި ދިވެހި ޓީޗަރުން ހޯދަން އިއުލާންކޮށްފިއެވެ.
ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދޭ ބިދޭސީ ޓީޗަރުންގެ އަދަދު މަދުކޮށް، ދިވެހި ޓީޗަރުން ނެރުމުގެ މަސައްކަތް މި ސަރުކާރުން ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ކުރީ އަހަރުތަކާ އަޅާ ބަލާއިރު މިދިޔަ އަހަރާއި މިއަހަރު ރާއްޖޭގެ ސްކޫލުތަކުގައި ބިދޭސީން ޓިޗަރުންގެ އަދަދު މަދުކަން އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފަ އެވެ.
ބިދޭސީ ޓިޗަރުންގެ ބަދަލުގައި ދިވެހި ޓިޗަރުން ހޯދުމަށް މާލޭގެ ތިން ސްކޫލެއް ހިމެނޭ ގޮތަށް ޖުމުލަ 18 ސްކޫލަކުން ވަނީ އިއުލާންކޮށްފަ އެވެ. މިކަމަށް ކުރިމަތިލާ ޓިޗަރުންނަށް 7،070 ރުފިޔާ އާއި 10،640 ރުފިޔާގެ މުސާރައެއް ދެވޭނެ ކަމަށާއި އަދި މީގެ އިތުރުންވެސް އިތުރު އެލެވެންސްތައް ދޭނެ ކަމަށް އިއުލާނުގައި ވަނީ ބުނެފަ އެވެ.
ބިދޭސީ ޓިޗަރުންގެ ބަދަލުގައި ކުރިމަތިލާ ދިވެހި ޓިޗަރުންގެ އަތުގައި ކިޔަވައިދިނުމުގެ ރޮނގުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް ނުވައެއްގެ ސަނަދެއް އޮންނަން ޖެހެ އެވެ.
ކޮވިޑް-19 އާ ގުޅިގެން މާލޭގެ ސްކޫލުތައް ބަންދުކޮށް ޓެލެކްލާސްތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. ނަމަވެސް އަތޮޅުތެރޭގެ ސްކޫލްތައް ވަނީ ތިން މަހަށްފަހު އަލުން ކިޔަވައިދޭން ފަށަފަ އެވެ. މިކަމުގެ ސަބަބުން ފުރަތަމަ ޓާމުގެ ކިޔެވުމުގެ ބޮޑުބައި ދަރިވަރުންނަށް ފުރިހަމަވެފައިނުވާތީ ދެވަނަ ޓާމްގެ ކިޔެވުން އަންނަ މަހުގެ 10 ވަނަ ދުވަހު ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ. އަދި އަންނަ އަހަރުން ފެށިގެން ބޮޑު ޗުއްޓީ އަހަރުގެ މެދުތެރެއަށް އަންނަ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު