ކޮވިޑް 19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި ބޭއްވުމަށް ފަހު ބޯޑަރު އަލުން ހުޅުވާލި ފަހުން މިއަދު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 4،500 އަށްވުރެ މައްޗަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް މިއަދު ކުރެއްވި ޓުވީޓެއްގައި ބުނީ، ބޯޑަރު ހުޅުވާލި ފަހުން މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ މިއަދު ކަމަށެވެ. އެގޮތުން މިއަދު އެކަނިވެސް ރާއްޖެއަށް 4،567 ފަތުރުވެރިން އައިސްފައިވާ މިނިސްޓަރު ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީން މިމަހުގެ 17 ވަނަ ދުވަހު އާއްމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިމަހުގެ ތެރޭގައި ކޮންމެ ދުވަހަކު އެވްރެޖުކޮށް 2،474 ފަތުރުވެރިން އާދެއެވެ.

ބޯޑަރު ހުޅުވާލި ފަހުން މިހާތަނަށް ރާއްޖެއަށް ވަނީ 120،000 ވުރެ ގިނަ ފަތުރުވެރިން އައިސްފައެވެ. އެއާއެކު މިއަހަރަށް ކަނޑައެޅި، 500،000 ފަތުރުވެރިންގެ އަމާޒަށް ވެސް ވަނީ ވާސިލުވެފައެވެ.

ޓޫރިޒަމްގެ ތަފާސް ހިސާބަށް ބަލާއިރު މާޗު 27ގައި ރާއްޖޭގެ ބޯޑަރު ބަންދު ކުރުމާ ހަމައަށް އެވްރެޖުކޮށް ދުވާލަކު 4،206 ފަތުރުވެރިން ރާއްޖެ އާދެއެވެ. އެގޮތުން ބޯޑަރު ބަންދުކުރުމާ ހަމައަށް 382,760 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

ބޯޑަރު ހުޅުވާލި ފަހުން 19 އަށްވުރެ ގިނަ އެއާލައިނުން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް އަންނަނީ ބާއްވަމުންނެވެ.

ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު މާޗު 27 ވަނަ ދުވަހު ބަންދުކޮށް، އަލުން ހުޅުވީ ޖުލައި 15 ގައެވެ.