ކޮވިޑް 19ގެ ސަބަބުން ދަސްވި އެންމެ މުހިންމު ފިލާވަޅަކީ ސާފުތާހިރުކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިސަލް ނަސީމް މިފަދައިން ވިދާޅުވީ، ހުޅުމާލޭ ރުއްގަނޑު އެކެއްގައި މިއަދު ހަވީރު ކުރިއަށްގެންދިޔަ "ސާފު ހުޅުމާލެ" ހަރަކާތް ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވަނީ މި ސަރުކާރުން ސާފުތާހިރުކަމަށާއި ތިމާވެށީގެ ރައްކާތެރިކަމަށް ދެއްވާ ސަމާލުކަމަށް އަލިއަޅުއްވާލައްވައިފައެވެ. އެގޮތުން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް މަދުކުރުމަށް މި ސަރުކާރުން ކުރައްވާ މަސައްކަތް ފާހަގަކުރެއްވިއެވެ. އަދި މި ސަރުކާރު ހަވާލުވުމަށްފަހުވެސް އެންމެ ފުރަތަމަ ބޮޑު އިވެންޓެއްގެ ގޮތުން ބާއްވާފައިވަނީ ރާއްޖެ ސާފުކުރުމުގެ ޕްރޮގްރާމެއްކަންވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

ކޮވިޑްގެ ސަބަބުން ދިވެހިންނަށް ދަސްވި އެންމެ މުހިންމު ފިލާވަޅަކީ ސާފުތާހިރުކަން ކަމުގައި ފާހަގަކުރައްވައި، ނައިބު ރައީސް ވިދާޅުވީ، ގައުމުގެ ސާފުތާހިރުކަން ދެމެހެއްޓުމަކީ ފަރުދީ ޒިންމާއަކަަށް ހަދަންޖެހޭ ކަމަށެވެ.

"ސާފު ހުޅުމާލެ" ހަރަކާތުގެ ދަށުން ހުޅުމާލޭގެ 40 ސަރަހައްދެއް ސާފުކުރުމަށް ވަނީ ހަމަޖައްސައިފައެވެ.