ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ކްލަބު ވެލެންސިއާއިން ޔުނައިޓެޑް ވިކްޓަރީ ބަލިކޮށްފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މެޗު ވެލެންސިއާއިން ކާމިޔާބު ކުރީ 4-0ގެ ނަތީޖާއަކުންނެވެ. މެޗުގައި ވެލެންސިއާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، އަލީ އަޝްފާގު (ދަގަނޑޭ) އާއި އަލީ ފާސިރު (ސެންޓޭ)ގެ ކޮމްބިނޭޝަން ވަނީ ފާހަގަކޮށްލެވިފައެވެ. އެ ދެކުޅުންތެރިން ވަނީ ފަސޭހަކަމާއެކު ޔޫވީގެ ޑިފެންސް ފޫއަޅުވާލައި، ވެލެންސިއާގެ ގިނަ ހަމަލާތަކެއްގައި ހިއްސާވެފައެވެ.

މެދުކެނޑުމަކަށްފަހު ވެލެންސިއާ އަނެއްކާވެސް ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ އިރު، އެޓީމުން މިފަހަރު ލީގަށް ވަރަށް ބޮޑަށް ތައްޔާރުވިއެވެ. ޓްރާންސްފާ މާކެޓުގައި އެންމެ ވަރުގަދަ ޓްރާންސްފާތައް ކުރި ޓީމަކީވެސް ވެލެންސިއާއެވެ. ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ ދަގަނޑޭއާއި އޭނާއާ އެންމެ ޕާޓްނާޝިޕް ރަނގަޅު އެއް ކުޅުންތެރިޔާ ސެންޓޭގެ އިތުރުން އަލީ ސަމްދޫހާއި ހުސައިން ނިޔާޒް (ބޮކުރީ) ފަދަ ކުޅުންތެރިން ވެލެންސިއާއިން މި ސީޒަންގައި ފެންނަމުންދެއެވެ.

މުހައްމަދު އާރިފް (ބަކާ) އާއި އިސްމާއީލް އީސަ (މެސީ)އާއެކު މި ސީޒަނަށް ޔޫވީވެސް ވަރުގަދަކުރި އިރު، މިއަދުގެ މެޗުގައި އެޓީމުން ފެނުނީ ދަށް ކުޅުމެކެވެ. މިދިޔަ ހަފްތާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ކުޅެވެސް ޔޫވީ ބަލިވެފައި އޮތްއިރު، މިއަދުގެ މެޗުން ޕޮއިންޓެއް ހޯދަން އެޓީމަށް މުހިއްމު ކަމަށް ކޯޗު މުހައްމަދު އާދަމް ވަނީ މެޗު ކުރިންވެސް ބުނެފައެވެ. އެހެން ނަމަވެސް ވެލެންސިއާ ފެނުނީ މާ ބޮޑަށްވެސް ވަރުގަދަކޮށެވެ.

މެޗުގެ ކުރީކޮޅުން ފެށިގެންވެސް ވެލެންސިއާ ޑޮމިނޭޓްކޮށް ކުޅުނު އިރު، މެޗުގައި ޔޫވީގެ ޑިފެންސަށް ދަގަނޑޭ ހިފެހެއްޓުންވީ ބުރަ ކަމަކަށެވެ. އެކަން ހާސިލެއްވެސް ނުވިއެވެ. ވެލެންސިއާގެ ކޮންމެ އެޓޭކެއްގައި ކަހަލަ ގޮތަކަށް ދަގަނޑޭގެ ފަރާތުން އައިއިރު، ހާފްގެ ކުރީކޮޅުގައި މެދު ތެރެއިން ދެ ކުޅުންތެރިން ނައްޓާލައި، ސެންޓޭއަށް ހުސްކޮށް ދިން ބޯޅަ ގޯލަށް ވައްދާލައި ވެލެންސިއާއިން ވަނީ 20 މިނެޓް ތެރޭގައި ލީޑު ނަގައިފައެވެ.

އެ ލީޑާއެކު ވެލެންސިއާއިން ހާފު ނިންމާލާފައިވާ އިރު، ދެވަނަ ހާފަށް ނުކުމެ މާ ގިނައިރެއް ނުވެ، ލީޑު ފުޅާކުރިއެވެ. ސެންޓޭ އަރިމައްޗަށް ދިން ބޯޅައެއް، ބޮކުރީ ވަރަށް ބަލާލާފައި ހުރަސްކޮށްލީ ދަގަނޑޭގެ ބޮލަށެވެ. ދަގަނޑޭއަށް އެ ބޯޅަ ގޯލަށް ވައްދާލީ އެއްވެސް އުނދަގޫ ކަމެއް ނެތި، ހަމަޖެހިލައިފައެވެ.

ވެލެންސިއާގެ ދެވަނަ ގޯލާއެކު ޔޫވީ ކުރިއަށް ޖެހި، މަދުމަދުން އެޓޭކް ކުރަން މަސައްކަތް ކުރި ނަމަވެސް އެޓީމަށް ގޯލެއް ޖަހައި ހިތްވަރު ނެގޭނެ ގޮތެއް ނުވިއެވެ. ކޯނަރަކުން އާދިލް އަބްދުލް ރަހުމާން ފޮނުވާލި ބާރު ހަމަލާ ވެލެންސިއާ ގޯލްކީޕަރު މުހައްމަދު ޝަފީއު މަތަކޮށް ބޭރުކޮށްލި އިރު، އަނެއްކާވެސް ގޯލް ޖެހީ ވެލެންސިއާއިންނެވެ. މިދުހަތު ފަހުމީ (ބިޗަޑް)އާއި ދަގަނޑޭ ތަނަވަސްކުރި ފުރުސަތު ސެންޓޭ ނިންމާލައި، ވެލެންސިއާގެ ތިންވަނަ ގޯލު ޖަހައިދިނެވެ.

ވެލެންސިއާއިން 83 ވަނަ މިނެޓުގައި އިތުރު ގޯލެއްވެސް ޖެހިއެވެ. ސެންޓޭގެ ޕާހެއް ވަރަށް ބަލާލާފައި ބިޗަޑް ވައްދާލީ ގޯލުގެ ތިރީ ކަނަށެވެ.

ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗުންވެސް މޮޅުވެ، ވެލެންސިއާ ވަނީ ރަނގަޅު ފޯމެއްގައި ލީގު ފަށައިފައެވެ. ލީގުގެ މެޗެއް މިރޭވެސް އޮންނާނެއެވެ. މިރޭ އޮންނާނީ މާޒިޔާއާއި ކްލަބު ގްރީން ސްޓްރީޓްސް ވާދަކުރާ މެޗެވެ.