މަސައްކަތުގެ މާހައުލަކީ މުވައްޒަފުންނަށް ރައްކާތެރި މާހައުލަކަށް ހެދުމުގެ ގައުމީ ކެމްޕޭން މިއަދު ލޯންޗުކޮށްފިއެވެ.
ދަރުބާރުގޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި "އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު" ކެމްޕޭން ލޯންޗުކޮށްދެއްވީ މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދެވެ.
މި ކެމްޕޭނަކީ މަސައްކަތު މާހައުލުން ޖެހޭ ބަލިތަކާއި ހިނގާ ނުރައްކާތެރި ހާދިސާތަކުގައި މަރުވާ މީހުންގެ އަދަދު މަދުކުރުމާއި ނުކުޅެދުންތެރިވާ މީހުންގެ އަދަދު މަދުކޮށް މަސައްކަތްތެރީންނާއި މަސައްކަތްކުރުވާ ފަރާތްތައް އަހުލުވެރިކުރުވުމަށްޓަކައި ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރު އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ ގުޅިގެން ލޯންޗުކުރި ކެމްޕޭނެކެވެ. މި ކެމްޕޭން ކުރިއަށްގެންދިއުމުގައި ސަރުކާރުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ އަދި ޕްރައިވެޓް ކުންފުނިތަކާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި ސެންޓާ ފޯ އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު އަދި ގުޅުންހުރި އެންމެހާ ފަރާތްތައް ބައިވެރިވެއެވެ.
އަންނަ އަހަރުގެ ނިޔަލަށް ކުރިއަށްގެންދަން ނިންމާފައިވާ މި ކެމްޕޭނުގެ ޝިއާރަކީ، "ހަނު ނުތިއްބަވާ، ކޮންމެ މީހެއްގެވެސް ޒިންމާއެއް އެބައޮތް" މިއެވެ.
ކެމްޕޭން ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހް މާހިރު ވިދާޅުވީ، މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަކީ ގިނަ ކުންފުނިތަކުން އިހުމާލުވާ ކަމެއް ކަމަށާއި ނަމަވެސް އެ ކުންފުންޏަކީ ކާމިޔާބު ކުންފުންޏަކަށް ހެދުމަށް، މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
"މަސައްކަތްކުރުވާ ފަރާތުން މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ޖެހޭ. ކުންފުންޏަށް ހަގީގީ ފައިދާ ލިބޭނީ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީގެން" ޝާހް ވިދާޅުވިއެވެ.
މި ކެމްޕޭންގެ ތެރެއިން އެކި މީޑިއާތައް ބޭނުންކޮށްގެން މަސައްކަތްތެރިން އަހުލުވެރިކުރުމާއި ފަޔާ ސޭފްޓީ އަދި ފަސްޓް އެއިޑް ފަދަ ޓްރޭނިން ޕްރޮގްރާމްތައް ކުރިއަށްގެންދިއުމާއި ޑްރާފްޓްކުރެވިފައިވާ މަސައްކަތްތެރީންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގާނޫނުގެ ދެލިކޮޕީ މުރާޖައާކުރުމާއި ސްޓޭންޑާޑްތައް އެކުލަވައިލުން ފަދަ މުހިންމު މަސައްކަތްތައް ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު