ކޮވިޑް-19ގެ ހާލަތުގައި ބައްދަލުވުންތަކާއި ރަސްމިއްޔާތުތަކާއި ހަފްލާތައް ބޭއްވޭނެ ގޮތުގެ އުސޫލު އެކުލަވާލައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މާދަމާ އިން ފެށިގެން އެޗްޕީއޭގެ ގައިޑްލައިނުތަކާ އެއްގޮތަށް ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުމުގެ ހުއްދަ ދީފައެވެ. އަދި އެކަމާ ގުޅޭ އުސޫލެއް އެކުލަވާލައި، އެޗްޕީއޭ އިން މިއަދު ވަނީ އާންމުކޮށްފައެވެ.

އެޗްޕީއޭ އިން އާންމުކޮށްފައިވާ އުސޫލުގައި ބައްދަލުވުންތަކާއި ރަސްމިއްޔާތުތަކާއި ހަފްލާތައް އިންތިޒާމުކުރާ ފަރާތްތަކަށް އަމަލު ކުރަންޖެހޭ ގޮތްތަކެއް ބުނެދީފައިވެ އެވެ. އެގޮތުން ބައްދަލުވުންތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް އިމާރާތެއްގެ އެތެރޭގައި ބާއްވާނަމަ ވަންނަ ގަޑިއާއި ނުކުންނަ ގަޑިތަކުގައި ދޮރުތައް ހުޅުވާފައި ބަހައްޓަންޖެހޭނެ އެވެ. އަދި ވައި ދައުރުވާ ގޮތަށް އިރު އިރުކޮޅުން ދޮރުހުޅުވަން ޖެހޭނެ ކަމަށްވެސް އުސޫލުގައި ބުނެފައިވެ އެވެ. އަދި މީގެން އެއްވެސް ހަރަކާތެއްގައި އަތާއި އަތްޖޯޑު ކޮށްފައި ސަލާމް ނުކުރުމާއި ކެއުމުގެ އިންތިޒާމު ހަމަނުޖެއްސޭނެ ކަމަށްވެސް އުސޫލުގައި ވަނީ ބުނެފަ އެވެ.

އުސޫލުގައި ބުނެފައިވަނީ ކޮވިޑް-19ގެ އެއްވެސް އަލާމާތެއް ހުރި ފަރާތެއް އެފަދަ ހަރަކާތެއްގައި ބައިވެރިވެގެން ނުވާނެ ކަމަށެވެ. އަދި ހަރާކާތްތަކުގައި މަސައްކަތް ކުރާ މީހުން އަބަދުވެސް އަނގަޔާއި ނޭފަތް ނިވާވާ ގޮތަށް މާސްކް އަޅާއިގެން ތިބިތޯ އިންތިޒާމު ކުރާ ފަރާތްތަކުން ބަލަންޖެހޭނެ ކަމަށް އުސޫލުގައި ބުނެފައިވެ އެވެ. މީގެ އިތުރުންވެސް ކޮވިޑް-19 އާ ގުޅިގެން އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް ހަރަކާތްތައް ކުރިއަށް ގެންދިއުމަށްވެސް އުސޫލުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ތަނުގެ ސާފްތާހިރުކަމާއި ތަނުގައި އުފެދޭ ކުނި ނައްތާލުމަށް އެކަށިގެންވާ ގޮތެއް ހުންނަންޖެހޭނެ ކަމަށްވެސް ބުނެފައިވެ އެވެ. އަދި މިފަދަ ތަންތަނަށް އެއްފަހަރާ ގިނަ މީހުން ނުވެއްދުމާއި ވީހާވެސް ވަގުތު ކުޑަކުރަންޖެހޭނެ ކަމަށާއި މިފަދަ ހަރަކާތްތަކުގައި ފޮޓޯ ނަގާނަމަ މާސްކް އަޅައިގެން ނޫން ގޮތަކަށް ފޮޓޯ ނުނެގޭނެ ކަމަށްވެސް އުސޫލުގައި ވަނީ ބުނެފަ އެވެ.

މާލެއިން ބޭރުގައި ހަފްލާއެއް ބާއްވާނަމަ ފުލުހުންގެ ހުއްދަ ނުވަތަ އެޗްޕީއޭގެ ހުއްދަ ހޯދަންޖެހޭނެ ކަމަށާއި އެހެން ނަމަވެސް މި ހުއްދަ ދެވޭނީ އެއިރެއްގައި އެ ރަށްތަކަށް ދަތުރުކުރުމުގައި އެޅިފައިވާ ފިޔަވަޅުތަކާ އެއްގޮތަށް ކަމަށްވެސް ބުނެފައިވެ އެވެ. އަދި ގެސްޓްހައުސް ހިންގާ ނުވަތަ ރިސޯޓަކުން ނުވަތަ ސިނާއީ މަސައްކަތް ކުރާ ރަށަކުން އެހެން ރަށެއްގައި މިފަދަ ހަރަކާތެއް ބާއްވަން ބޭނުންވާނަމަ އެ ރަށެއްގެ ކައުންސިލުން ހާއްސަ ހުއްދައެއް ހޯދަން ޖެހެ އެވެ.