ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމު ޖަލަށްލީ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ރޮވުނީ ވީ އުފަލެއްގެ ބޮޑުކަމުން، ކަމަށް އިދިކޮޅު ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

ސަލީމް މިއަދު މިހެން ވިދާޅުވީ، ރައީސް ޔާމީން ޖަލަށްލުމަކީ އެދިވަޑައިގެންނެވި ކަމެއް ނޫން ކަމަށާއި އެމަނިކުފާނު ޖަލަށްލީ ދުވަހު އެކަމާ ދެރަވެ ރޮވުނު ކަމަށް އެމްޑީޕީ އާއި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ސަލީމް މިއަދު ކުރެއްވި ޓުވީޓެއްގައި، ރައީސް ޔާމީން ޖަލަށް ލާފައިވަނީ ބާރުގެ ބޭނުންކޮށްގެންކަން އިޝާރާތްކުރައްވައި ވިދާޅުވީ، "ބާރަކީ ދާދީ އަވަހަށް ނެތި ހިނގައިދާނެ ކަމެއް،" ކަމަށެވެ.

އެމްޑީޕީ ހަރުގޭގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ ވެރިން ހައްޔަރުކޮށް، ޖަލަށްލުމުގެ ސަގާފަތަކީ ކަންބޮޑުވާކަމެއް ކަމަށެވެ. އެގޮތުން އެމަނިކުފާނު ވެރިކަމުގައި ހުންނެވި އިރު އެ ސަގާފަތް ދޫކޮށްލުމަށް ފުރުސަތު ލިބިވަޑައިގެން، ހިތްވަރާއެކު އެކަން ކުރެއްވި ކަމަށް ވިދާޅުވިއެވެ.

އެ ފުރުސަތު ރައީސް ޔާމީނަށް ލިބިވަޑައިގެންނެވި ނަމަވެސް އެކަން އެމަނިކުފާނު ނުކުރެއްވިކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، ރައީސް ޔާމީން އެކަން ކުރެއްވިނަމަ މިއަދުގެ ހަގީގަތް ވަރަށް ތަފާތުވީސް ކަމަށެވެ.

"ރައީސް ޔާމީން ޖަލުގައި އިންނަވަން ޖެހުމަކީ އެއީކީއެއް ކޮންމެހެން އަޅުގަނޑު އުފާފާޅު ކުރަމުން ހަވާ އަރުވަމުން ދުވާ ކަމެއް ނޫން. ތިބޭފުޅުންނަށް ފަހަރުގައި ފާހަގަވެފައި އޮވެދާނެ އަޅުގަނޑު ޖަލަށްލާފައި ހަވާ އެރުއްވުމާއި ލަގިރި ޖެހުމާއި ލަވަ ކިޔުއްވުމާއި މާ ބެހުމާއި މި ހުރިހާ ކަމެއް، އެހެންނަމަވެސް އަޅުގަނޑު ރައީސް ޔާމީން ޖަލަށްލީ ދުވަހު ވީ ދެރަ! އަޅުގަނޑަށް ރޮވުނު އަޅުގަނޑު އެދޭ ގޮތެއް ނޫން އެއީކީ،" ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ރައީސް ޔާމީނަށް އިސްތިއުނާފުގެ ހުރިހާ މަރުހަލާއެއް ލިބިވަޑައިގަންނަވާނެ ކަމަށެވެ. އަދި ކުރީގެ ރައީސަކު އެންމެ މިނެޓަކަށް ވެސް ޖަލުގައި ހުންނަން އެދިވަޑައިނުގަންނަވާ ކަަމަށާއި ނަމަވެސް ރާއްޖޭގެ ގާނޫނުތަކާއި އާންމު އުސޫލުތަކާއި ހަމަތައް ދަމަހައްޓައި ހިފަހައްޓަންޖެހޭ ކަމަށް ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ ވެރިންނަށް، އަޅުގަނޑަށް ވެސް އެބަ ސާފުވާންޖެހޭ ހިތަކަށް ލިބޭ އެއްޗެއް ނޫންކަން ވެރިކަމަކީ. އަޅުގަނޑުމެންނަކީ، ވެރިންނަކީ މުހިންމު ބައެއް ނޫންކަން، އަޅުގަނޑުމެން ހުރިހާ ވެރިން ވެސް ދެން އަންނާން ތިބި ވެރިން ވެސް ދަންނަން އެބަޖެހޭ. މިއަދެއް ދެން ނުލިބޭނެ އަޅުގަނޑުމެން އުންމީދު ކުރަންވީ މާދަމާއަށް،" ނަޝީދު ވިދާޅުވިއެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ރައީސް ޔާމީން ފަސް އަހަރު ދުވަހުގެ ޖަލަށްލާން ހުކުމްކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. ރައީސް ޔާމީން ޖަލުގައި ހުންނަވާތާ އަހަރު ދުވަސް ވެފައިވާ އިރު، މިހާރުވެސް އިތުރު ދެ ދައުވާއެއް އެމަނިކުފާނުގެ މައްޗަށް ވަނީ އުފުލައިފައެވެ.