ޒަރޫރީ ބޭނުންތަކަށާއި އާންމު ހިދުމަތްތައް ލިބޭނެ ތަންތަން ގާއިމުކުރުމަށް ހިޔާ ކޮމާޝަލް އިން ޖާގަ ދޫކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފި އެވެ.
މި ޖާގަތައް ދޫކުރުމަށް ނިންމާފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހައުސިން ޔުނިޓުތަކުގެ ގުރައުންޑް ފްލޯތަކުންނެވެ. އެ ފްލޯތައް ހާއްސަކޮށްފައިވަނީ އާންމު ހިދުމަތްތަކަށާއި ޒަރޫރީ ބޭނުތަކަށް ހިދުމަތް ލިބޭނެ ތަންތަން ގާއިމުކުރުމަށެވެ.
ހިޔާ ކޮމާޝަލް އިން ޖާގަ ދޫކުރުމަށް ނިންމާފައިވަނީ ދެ ސުޕަމާޓު ހިންގުމަށާއި، ކްލިނިކެއް ހިންގުމަށާއި، ބޭސްފިހާރައަކާއި ކާބޯތަކެތި ވިއްކާ ކުދި ފިހާރަތައް ހިންގުމަށެވެ. އެގޮތުން ދެ ސުޕަމާޓް ހިންގުމަށް ހިޔާ ފްލެޓް ހަ އަކާއި 14 އިން 3000 އަކަފޫޓަށްވުރެ ބޮޑު ޖާގައެއް ދޫކުރުމަށް ކަނޑައަޅާފައިވާ އިރު، 2196 އަކަފޫޓު ވަނީ ކުލިނިކް ހިންގުމަށް ދޫކުރުމަށް ނިންމައިފަ އެވެ. އަދި ބޭސްފިހާރައެއް ހިންގުމަށް 542 އަކަފޫޓުގެ ޖާގައެއް ދޫކުރުމަށް ވަނީ ކަނޑައަޅައިފަ އެވެ. މީގެ އިތުރުން ކާބޯތަކެތި ވިއްކާ ކުދި ފިހާރަތައް ގާއިމުކުރުމަށް 1000 އަކަފޫޓުގެ ޖާގަ، ހިޔާ ފްލެޓް 12 އާއި 16 އިން ވަނީ ދޫކުރުމަށް ނިންމައިފަ އެވެ. މީގެ އިތުރުންވެސް ކެފޭ ހިންގުމަށް ހިޔާ ފްލެޓް 12 އިން 926 އަކަފޫޓާއި ހިޔާ ފްލެޓް 15 އިން 1085 އަކަފޫޓުގެ ޖާގައެއް ދޫކުރުމަށް ވަނީ ނިންމައިފަ އެވެ.
ކްލިނިކާއި ބޭސްފިހާރަ ހިންގަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 21 ވަނަ ދުވަހުގެ ކުރިން ބީލަން ހުށަހަޅަން ޖެހޭނެ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ. އަދި ސުޕަމާޓާއި ކުދި ފިހާރަ ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 20 ވަނަ ދުވަހުގެ ކުރިން ބީލަން ހުށަހަޅަން ޖެހޭނެ ކަމަށްވެސް އެޗްޑީސީން ވަނީ ބުނެފަ އެވެ.
ހިޔާ ފްލެޓުތަކުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން މިސްކިތްތަކާއި ސްކޫލުތައް ގާއިމުކުރުމުގެ މަސައްކަތްވެސް ސަރުކާރުން ވަނީ ފަށައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު