އެމެރިކާ އިން މޮޑާނާ ވެކްސިން ބޭނުންކުރުމުގެ ހުއްދަދީފިއެވެ.

އެެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ) އިން އެގައުމުގައި ބޭނުންކުރުމަށް ހުއްދަ ދިން ދެވަނަ ވެކްސިން މޮޑާނާގެ 200 މިލިއަން ޑޯޒް ގަތުމުން ވަނީ ނިންމައިފައެވެ.

މޮޑާނާ ވެކްސިނަށް ހުއްދަ ދިނުމަށް އެފްޑީއޭގެ 20 މީހުން ހިމެނޭ ޕެނަލުން ބޭއްވި ބައްދަލުވުމުގައި އެ ޕެނަލްގެ ފުރިހަމަ އަގުލަބިއްޔަތު ވޯޓާއެކު ވަނީ ވެކްސިން ބޭނުންކުރުމަށް ހުއްދަ ދިނުމަށް ނިންމައިފައެވެ.

އެމެރިކާގައި ބޭނުންކުރުމުގެ ހުއްދަ ދީފައިވާ ފުރަތަމަ ވެކްސިން ފައިޒާ އެގައުމުގެ ގިނަ ބަޔަކަށް ދީފައިވާ އިރު، މޮޑާނާ ވެކްސިން ލިބުމާއެކު އެ ވެކްސިން ވެސް އެގައުމުގެ ކޮވިޑް ވެކްސިން ޕްރޮގްރާމް ތެރެއަށް ލުމަށް ނިންމާފައިވެއެވެ.

ދުނިޔޭގެ އެންމެ ހަލުވިކަމާއެކު ކޮވިޑް ފެތުރި ކޮންޓްރޯލުން ނައްޓާފައިވާ އެމެރިކާއިން މިހާތަނަށް 17 މިލިއަނަށްވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާ އިރު، ތިން ލައްކައަށްވުރެ ގިނަ މީހުން ބަލި ޖެހިގެން މަރުވެފައިވާ ކަމަށް ރެކޯޑުތަކުން ދައްކައެެވެ.