ދެކުނު ކޮރެއާގައި ހޮސްޕިޓަލުގެ އެނދުތައް ފުރި ޖާގަ ނުލިބި ހަ މީހަކު މަރުވެއްޖެއެވެ.
ދެކުނު ކޮރެއާގެ ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވަނީ އެގައުމުގެ ކޮވިޑް ހާލަތު ގޯސްވެ ހޮސްޕިޓަލުތަކަށް ނުތަކާވަރު ވެފައިވާކަމަށް ވިދާޅުވެފައެވެ. ހޮސްޕިޓަލުން ޖާގަ ނުލިބުމުގެ ސަބަބުން މިމަހު އެކަނިވެސް ކޮވިޑް ޖެހުނު ހަ މީހަކު މަރުވެފައިވާކަމަށް އޮފިޝަލް ވިދާޅުވެފައި އެވެ.
ހޮސްޕިޓަލުން ފަރުވާ ހޯދަން ޖެހޭ އެތައް ސަތޭކަ މީހުން މިހާރުވެސް އެބަތިބި ކަމަށާއި އެގައުމުގެ ސިއްހީ ހިދުމަތްދޭ ހުރިހާތަނެއް އޯވާލޯޑްވެފައިވާ ކަމަށްވެސް އެ އޮފިޝަލު ވިދާޅުވިއެވެ.
އިއްޔެ އެކަނިވެސް ދެކުނު ކޮރެއާއިން ވަނީ ކޮވިޑްގެ 1062 ކޭސް ފެނިފައެވެ.
ދެކުނު ކޮރެއާގެ ސަރުކާރުން ވަނީ ހަރުކަށި ފިޔަވަޅުތަކެއްވެސް އަޅައިފައެވެ. އެގޮތުން އެގައުމުގެ 1.2 މިލިއަން ވިޔަފާރި ހުއްޓުވާފައިވާއިރު އިތުރު ފިޔަވަޅުތަކެއް އެޅުމުގެ މަޝްވަރާތައްވެސް އަންނަނީ ކުރަމުންނެވެ.
ދެކުނު ކޮރެއާއިން މިހާތަނަށް 47،515 ކޮވިޑް ކޭސް ފެނިފައިވާއިރު އެގައުމުން ވަނީ 645 މީހުން ބަލިޖެހިގެން މަރުވެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ