އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒު ކުރުމުގައި އެމްޓީސީސީން އަދާކުރަމުން އަންނަނީ ނަމޫނާ ދައުރެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
އެމްޓީސީސީއަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި ސަންގުޓީވީން ދެއްކި "ކާމިޔާބު 40" ޕްރޮގްރާމްގައި ރައީސް ވިދާޅުވީ މީގެ 40 އަހަރު ކުރިން އެމްޓީސީސީ އުފެއްދީ ރައްޔިތުންނަށް ކޮންމެހެން ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތްތައް ވީހާއަވަސް މުއްދަތެއްގެ ތެރޭގައި ފޯރުކޮށްދިނުމުގެ މަގްސަދުގައި ކަމަށެވެ. އޭގެ ތެރެއިން ވެސް އެންމެ ފުޅާ ދާއިރާގައި ކުރަމުން އަންނަ މަސައްކަތަކީ ލަފާފުރުމުގައި ރަށްރަށަށް ދިމާވެފައި ހުރި ދަތިކަން ހައްލުކޮށްދިނުމުގެ މަސައްކަތް ކަމަށް ރައީސް ވިދާޅުވި އެވެ.
ރަށްރަށުން ފެންނަ ޖާގަ ތަނަވަސް ބަނދަރުތަކާއި ރަށްރަށުގައި ލާފައިވާ ކަނޑުތޮއްޓާއި އެއްގަމު ތޮށިތަކާއި ބިން ހިއްކުމުގެ މަސައްކަތުގެ ގާތްގަނޑަކަށް 90 ޕަސެންޓަކީ އެމްޓީސީސީގެ މަސައްކަތްކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، އެކަމުގައި އެންމެ ކުރިއަރާފައިވާ ދިވެހި ކުންފުންޏަކީ ވެސް އެމްޓީސީސީ ކަމަށެވެ. އަދި ކުންފުނިން ވަރަށް ޅަފަތުގައި ރަށްރަށުގެ ފަޅުފުންކުރުމާއި ބިންހިއްކުމުގެ މަސައްކަތް ކުރި ނަމަވެސް، މިއަދު މަގުހެދުމާއި އެއާޕޯޓްތައް ހެދުމާއި ޔުޓިލިޓީގެ ހިދުމަތްތައް ގާއިމުކުރުމަކީ ވެސް އެ ކުންފުނީގެ މަސައްކަތުގެ އެއްބައި ކަމަށް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވައި ތަރައްގީ ކުރުމުގައި ވެސް އެމްޓީސީސީން އަދާކޮށްފައިވަނީ ޝުކުރުވެރިވުން ހައްގު ދައުރެއް ކަމަށެވެ. އެގޮތުން މަސްދޯނި ފަހަރަށް ބޭނުންވާ އިންޖީނާއި އިންޖީނުގެ ސްޕެއާޕާޓްސް ފޯރުކޮށްދިނުމުގެ ހިދުމަތަކީ ދިވެހި މަސްވެރިކަން ތަރައްގީވެ ދެމިއޮތުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރި ހިދުމަތެއް ކަމަށް ވިދާޅުވި އެވެ.
"މީގެ އިތުރުން ވެސް ރައްޔިތުންގެ އަސާސީ ބޭނުންތަކާ ގުޅިފައިވާ ވަރަށް ގިނަ ހިދުމަތްތައް މިކުންފުނިން މިހާރު ދެމުން އެބަގެންދޭ. އަޅުގަނޑު ދެކޭ ގޮތުގައި ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒުކުރުމުގައި އެމްޓީސީސީން އަދާކުރަމުން އަންނަނީ ނަމޫނާ ދައުރެއް،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، އެމްޓީސީސީގެ 40 އަހަރުގެ ތާރީހުގައި ވަރަށް ތަފާތު އެތައް ދުވަސްތަކެއް މާޒީވެގެން ހިނގައްޖެ ކަމަށާއި ކުންފުނީގެ ހިންގުން ގޯސްވެ، ފައިދާއެއްނުވެ ހިންގަންޖެހުނު ދުވަސްތައް ވެސް ފާއިތުވެގެން ހިނގައްޖެ ކަމަށެވެ. ނަމަވެސް ކޮވިޑްގެ ސަބަބުން ކުރިމަތިވި ހުރަސްތަކާއެކު ވެސް މި އަހަރަކީ އެމްޓީސީސީގެ މުޅި ތާރީހުގައި ވެސް އެންމެ ފައިދާ ބޮޑު އަހަރުކަން ރައީސް ފާހަގަކުރެއްވި އެވެ.
މިހާރު ކުރިމަތިލާން ޖެހިފައިވަނީ ވަރަށް ބޮޑު ބަދަލަކާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ކޮވިޑްގެ ސަބަބުން ކުރިމަތިވެފައިވާ އިގްތިސޯދީ ހީނަރުކަމުން އަރައިގަތުމަށްޓަކައި ތަރައްގީގެ މުޅިން އާ މަސައްކަތްތަކެއް ފަށަން ޖެހިފައިވާ ކަމަށެވެ. އަދި އެ މަސައްކަތްތައް ވަރަށް ބާރު ދުވެލީގައި ކުރިއަށް ގެންދަން މިހާރު މަޖުބޫރުވެފައިވާ ކަމަށް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު