އަމިއްލައަށް މަރުވުމަކީ ހައްލެއް ނޫން ކަމަށާއި އެއީ ފިނޑި އަމަލެއްގެ އިތުރުން ދެ ދުނިޔެ ވެސް ގެއްލިގެން ދިއުން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

"އަމިއްލަ ނަފްސު ހަލާކުގެ ތެރެއަށް އެއްލައިނުލާށެވެ!" މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، ފަހަކަށް އައިސް އިންސާނުންގެ ތެރޭގައި ފެތުރިފައިވާ އެންމެ ނުރައްކާތެރި އެންމެ ބޮޑު ވަބާއަކީ އަމިއްލައަށް މަރުވުމުގެ ވަބާ ކަމަށާއި އެއީ އިސްލާމް ދީނުގައި ކަނޑައެޅިގެން ހަރާމް ކުރައްވާފައިވާ ބޮޑުވެގެންވާ ޖަރީމާއެއް ކަމަށެވެ.

އޭގެ އިތުރުން ﷲ ހުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް ހައްގަކާ ނުލައި ގަތުލު ކުރުމަކީ ކިހާ ބޮޑު ފާފައެއްކަން ކީރިތި ޤުރުއާނާއި ނަބިއްޔާގެ ސުއްނަތުގައި ސާފުކޮށް ބަޔާންކުރައްވާފައިވާ ކަމަށް ބުންޏެވެ.

ހުތުބާގައި ބުނީ، އަމިއްލައަށް މަރުވުމުގެ ހުރި ނުރައްކާތެރިކަން ބަޔާންކޮށްދެއްވުމަށްޓަކައި ނަބިއްޔާ އެފަދަ މީހުންގެ ޖަނާޒާގައި ބައިވެރިވެ ވަޑައި ނުގަންނަވާ ކަމުގައި ހަދީޡްތަކުގައި ވާރިދުވެގެން އައިސްފައިވާ ކަމަށެވެ.

އިލްމުވެރިން ބަޔާންކުރައްވާފައިވާ ގޮތުގައި އަމިއްލައަށް މަރުވި މީހާގެ މައްޗަށް ނަބިއްޔާ ކަށުނަމާދު ނުކުރެއްވީ، އެ ފާފަައިގެ ބޮޑުކަން އުއްމަތަށް ބަޔާންކޮށްދެއްވުމަށްޓަކަ އެވެ. ނަމަވެސް މުސްލިމުންގެ ތެރެއިން ބަޔަކު މީހުން އޭނާގެ މައްޗަށް ކަށުނަމާދުކޮށް، ޖަނާޒާގެ ކަންތައް ފުރިހަމަ ކުރަންޖެހޭނެ ކަމަށް ބުންޏެވެ.

ހުތުބާގައި ބުނީ، އަމިއްލައަށް މަރުވުމަށް ދިމާވާ ކަމަށް ބުނާ ސަބަބުތަކުގެ ތެރެއިން އެއް ކަމަކީ ނަފްސާނީ ބަލި ކަމަށާއި އަނެއް ސަބަބަކީ ފިލްމުތަކާއި ކާޓޫނުތައް ކަމަށެވެ. އަނެއް ސަބަބެއް ކަމަށް ހުތުބާގައި ބުނީ، އިސްލާމީ ރިވެތި އުސޫލުތަކުން ބޭރުވެ، ޖިހާދުގެ ނަމުގައި، ޖާނުން ފިދާވުމަކީ ސުވަރުގެ ވަދެވެން އޮތް ހަމައެކަނި ސަބަބު ކަމުގައި ބުނެ، ވިސްނައިދީ، ބަޔަކު އެކަމަށް ހިތްވަރު ދެމުން ގެންދިއުމެވެ.

ހުތުބާގައި ބުނީ ހަގީގަތުގައި އަމިއްލައަށް މަރުވުމުގެ މައިގަނޑު ސަބަބު ކަމުގައި ވަނީ ﷲގެ ނިޔާ އަށް ނުރުހުމާއި ﷲ އިންސާނާ އިމްތިހާނު ކުރެއްވުމަށް އޭނާއަށް ޖައްސަވާ މުސީބާތްތަކަށް ކެތްތެރި ނުވެވުން ކަމަށެވެ.

އެގޮތުން މުސްލިމު އަޅާގެ އަގީދާއަކަށް ވާންޖެހޭނީ ތިމާއަށް ގެއްލުމެއް ދިނުމަށް ނުވަތަ ފައިދާއެއް ހޯދައިދިނުމަށް ބަޔަކު ކިތަންމެ މަސައްކަތެއް ކުރި ކަމުގައި ވިޔަސް، ﷲ ނިޔާ ކުރައްވާފައިވާ ކަމެއް މެނުވީ، ތިމާއަށް ނުޖެހޭނެކަން ގަބޫލުކުރުން ކަމަށް ހުތުބާގައި ބުންޏެވެ.

ހިތާމަތަކާއި ހިތްދަތިކަމާ ކުރިމަތިލާން ޖެހިފައިވާ މުސްލިމުންނަށް ހުތުބާގައި ބުނީ އަމިއްލައަށް މަރުވުމަކީ އެކަންކަމުގެ ހައްލެއް ނޫން ކަމަށާއި ނަމަވެސް އެއީ ހަޔާތުގެ ވާދަވެރި ރޭހުން ބަލިވެއްޖެ ކަމަށް ބުނެ އަމިއްލައަށް ބަލިގަބޫލުކޮށް ފަހަތަށް ޖެހުން ކަމަށެވެ. އަދި އަމިއްލައަށް މަރުވުމަކީ ﷲގެ ނިޔާއަށް ނުރުހުމާއި އެ އިލާހުގެ އިމްތިހާނަށް ކެތްތެރިނުވުމާއި އަދި އެއީ އަމަލުތައް ފަނާކޮށްފަނިވި ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ.

"ތިމާގެ މުޅި ހަޔާތުގައި ހޯދި މުދާތައް ގެއްލިގެން ދިއުމުގެ ސަބަބުން، ނުވަތަ މުޅި ހަޔާތުގައި އެކުގައި އުޅެމުން އައި ހަޔާތުގެ ބައިވެރިޔާ ބޭވަފާތެރިވުމުން ނުވަތަ ލޯބިވާ މީހަކު މަރުވެ ދިއުމުގެ ސަބަބުން ނުވަތަ ލިބޭ އަނިޔާއެއްގެ ސަބަބުން ނުވަތަ އަބުރު ކަތިލުމުގެ ސަބަބުން އަމިއްލައަށް މަރުވުމަކީ ހައްލެއް ނޫނެވެ. އެއީ ފިނޑި އަމަލެކެވެ. އަމިއްލައަށް މަރުވުމުން މި ދުނިޔެ ވެސް އަދި އެ ދުނިޔެ ވެސް ގެއްލުނީ އެވެ. ދެން ބޭނުންވީ ކަމުގައި ވިޔަސް ދެވަނަ ފުރުސަތެއް ނުލިބޭނެ އެވެ،" ހުތުބާގައި ބުންޏެވެ.

ދުނިޔަވީ މުސީބާތްތަކަކީ އެކަމަށް ކެތްތެރިވުމުގެ ސަބަބުން ﷲގެ އަޅާއަށް ސަވާބާއި ދަރުމަ އިތުރުކޮށްދެއްވައި އަދި ފާފަތައް ފުއްސަވައި ﷲގެ ރުހިވޮޑިގަތުން ދެއްވާ ކަމެއްކަން ފާހަގަކޮށް ހުތުބާގައި ވަނީ، ތިބާގެ މައްސަލަތައް ތިބާއަށް ހެޔޮއެދޭ ގާތްތިމާގެ މީހެއް ނުވަތަ ކަމުގެ މާހިރަކާ ހިއްސާ ކުރުމަށް ގޮވާލައިފަ އެވެ.

އަދި ހިތާމައެއް ކުރިމަތިވެފައިވާ މީހަކު ނުވަތަ ހިތްދަތިކަމެއްގައިވާ މީހަކު އެނގޭނަމަ އެމީހަކަށް އެހީތެރިވުމަށާއި އެމީހެއްގެ ހިތަށް ތަސައްލީއެއް ދެވޭތޯ ވީ މިންވަރަކުން މަސައްކަތް ކުރުމަށް ވެސް ގޮވާލި އެވެ.

އެގޮތުން މީހެއްގެ ދަރަންޏެއް ލުއި ކޮށްދިނުން ކަމުގައި ވިޔަސް، ނުވަތަ ދެމަފިރިންގެ ދެމެދުގައި ޖެހިފައިވާ މައްސަލައެއް ހައްލުކޮށްދިނުން ކަމުގައި ވިޔަސް، ވަޒީފާ ނެތިފައި ވަނިކޮށް އެކަމުގައި އެހީތެރިވި ކަމުގައި ވިޔަސް ނުވަތަ އެހެން ކަމެއް ކަމުގައި ވިޔަސް، މުއުމިނު އަޅަކަށް އެހީތެރިކަމެއް ފޯރުކޮށްދިނުމަކީ އޭގެ މަންފާ ލިބެނިވި ހެޔޮ އަމަލެއް ކަމަށް ހުތުބާގައި ބުންޏެވެ.