މިމަހުގެ މިހާތަނަށް 40،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޖުލައި 15 އިން ފެށިގެން އިއްޔެގެ ނިޔަލަށް 115،730 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިއާއެކު މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 500،000 ވުރެ އިތުރުވެފައެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެގެ ނިޔަލަށް ރާއްޖެއަށް އައީ 498،577 ފަތުރުވެރިންނެވެ. ނަމަވެސް ރާއްޖެއަށް މިއަދު އައި ފަތުރުވެރިންނާއެކު އެ އަދަދު ވަނީ 500،000 އަށްވުރެ އިތުރުވެފައެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ބޯޑަރު ހުޅުވާލި ފަހުން އެންމެ ގިނަ ފަތުރުވެރިން އައީވެސް މިމަހުގައެވެ. އެގޮތުން މިމަހުގެ އެއްވަނަ ދުވަހުން އިއްޔެގެ ނިޔަލަށް ރާއްޖެއަށް 39،589 ފަތުރުވެރިން އައިސްފައިވެއެވެ. އެއީ ދުވާލަކަށް އެވްރެޖްކޮށް 2،474 ފަތުރުވެރިންނެވެ. އެ ފަތުރުވެރިން ރާއްޖޭގައި އެވްރެޖްކޮށް 8.5 ދުވަސް ހޭދަކުރެއެވެ.

ބޯޑަރު ހުޅުވާލި ފަހުން އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން އައީ ރަޝިއާއިންނެވެ. އެގޮތުން އިއްޔެގެ ނިޔަލަށް އެގައުމުން އެކަނިވެސް 23،336 ފަތުރުވެރިން އައިސްފައިވެއެވެ.

ޖުލައި 15ގައި ރާއްޖޭގެ ބޯޑަރުތައް ހުޅުވާލި ފަހުން ބައިނަލްއަގުވާމީ ގިނަ އެއާލައިންތަކުން އަންނަނީ ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ބާއްވަމުންނެވެ. އެގޮތުން ގައުމީ އެއާލައިން، މޯލްޑިވިއަން ނުހިމަނައި ދުނިޔޭގެ 19 އެއާލައިނަކުން މިހާރު އަންނަނީ ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ބާއްވަމުންނެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ މިމަހުގެ ތެރޭގައި އިތުރު އަށް އެއާލައިންނަކުން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފަށާނެ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަހަރު އަމާޒު ހިފީ 500،000 ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ. އެ އަމާޒަށް މިއަދު ވަނީ ވާސިލުވެފައެވެ.