އެއްވެސް ބަޔަކު ހަވާލުނުވާ ފެން މީޓަރުތަކެއް މާލޭގައި އެބަހުރި ކަމަށް މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮންޕެނީ (އެމްޑަބްލިޔުއެސްސީ) މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން ޝާހު ވިދާޅުވީ، ރައްޔިތުންނާއި ސަރުކާރުގެ އިދާރާތަކުން އެމްޑަބްލިޔުއެސްސީއަށް ދައްކަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ އެބަހުރި ކަމަށެވެ. އަދި ބިލް ނުދައްކާތާ ގިނަ ދުވަސްތަކެއްވީ ކަސްޓަމަރުންވެސް އެބަތިބި ކަމަށް އޭނާ ވިދާޅުވިއެވެ.
ޝާހު ވިދާޅުވީ، މާލޭގައި އެއްވެސް ބަޔަކު ހަވާލުނުވާ ފެން މީޓަރުތަކެއް އެބަހުރި ކަމަށެވެ. އެފަދަ މީޓަރުތަކެއް އަލިމަސް ކާނިވާގައި ހުރިކަން ފާހަގަކުރައްވައި ޝާހު ވިދާޅުވީ، މާލޭ ސިޓީ ކައުންސިލުން އަދި ޕްލޭނިން މިނިސްޓްރީންވެސް އެ މީޓަރުތަކާ ހަވާލުވެފައި ނުވާ ކަމަށެވެ.
"އެތަންތަނުގައި ބިލް ނުދެއްކީމާ އެމްޑަބްލިޔުއެސްސީން ގޮސް ތަޅު އަޅުވާލީމާ އެތަން ހިންގާ ފަރާތަށް ދަތިވާންނޫންތޯ؟ ދެން އެފަރާތުން އެކަމާ އުޅެގަނޭ. ދެން އެމްޑަބްލިޔުއެސްސީން ބުނާނެ ޕާޓް ޕޭމަންޓަކަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ކަންކަން ކުރިއަށް ގެންދެވޭނީ މީޓަރުގެ ވެރިފަރާތުން ސިޓީ ގެނައީމައޭ. ދެން މީޓަރުގެ ވެރިފަރާތެއް އެބޭފުޅުންނަކަށް ނޭނގޭ. ޕްލޭނިން މިނިސްޓްރީއަކުން، ސިޓީ ކައުންސިލަކުން ހަވާލެއް ނުވޭ. ދެން މިކަހަލަ ވަރަށް ދެކޮޅު ނުޖެހޭ ކަންތައްތަކެއްވެސް ދިމާވޭ،" ޝާހު ވިދާޅުވިއެވެ.
މީގެ އިތުރުން ޝާހު ވިދާޅުވީ، ގޭގެ ވެރިފަރާތާއި ކުއްޔަށް އުޅޭ ފަރާތާ ދެމެދުވެސް ފެން މީޓަރާ ގުޅުވައިގެން ގިނަ މައްސަލަތަކެއް ޖެހޭ ކަމަށެވެ. އެގޮތުން ގިނައިން ދިމާވަނީ އޯނާޝިޕް ބަދަލުކުރަން އެދުމުގެ މައްސަލަތައް ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑަބްލިޔުއެސްސީން އަބަދުވެސް ބަލަނީ އެކުންފުނިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފޯރުކޮށްދޭ ހިދުމަތްތައް މެދުކަނޑާނުލައި ފޯރުކޮށްދިނުމަށް ކަމަށް ޝާހު ވިދާޅުވިއެވެ. އެގޮތުން މީޓަރުތަކުގައި ތަޅު އަޅުވާނީ ބަލަންޖެހޭ ކަންކަން ވަކިވަކިން ބެލުމަށް ފަހު، ކަސްޓަމަރުންނަށް ބިލްތައް ދެއްކުމަށް ހުރިހާ ފުރުސަތެއް ދިނުމަށް ފަހުގައި ކަމަށްވެސް ޝާހު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު