ސިވިލް ސާވިސް ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގައި އަމަލުކުރަމުންދާ އުސޫލުތަކާއި މިންގަނޑުތައް އިސްލާހުކޮށް، ގައިޑްލައިންތައް އެކުލަވާލައި އާންމުކޮށްފިއެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނީ އެ އިސްލާހުތައް ގެނެސްފައި ވަނީ ސިވިލް ސާވިސްގެ ވަޒީފާތަކަށް މީހުން ހޯދުމުގައި ދިމާވެފައިވާ ދަތިތައް ހައްލުކޮށް، ވަޒީފާއަށް އައްޔަންކުރުމުގެ މަރުހަލާތައް އިތުރަށް ތަފްސީލުކޮށް ދިނުމުގެ ގޮތުން ކަމަށެވެ.
- ސިވިލް ސާވިސްގެ އިދާރީ އަދި ފަންނީ މަގާމުތަކުގެ އަސާސީ ޝަރުތު (7 ވަނަ އިސްލާހު)
- ސިވިލް ސާވިސްގެ މަގާމުތަކުގެ ތައުލީމީ ރޮނގު އަދި މަސައްކަތުގެ ދާއިރާ ކަނޑައަޅާނެގޮތުގެ އުސޫލު
- ސިވިލް ސާވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް 2021
- ސިވިލް ސާވިސްގެ ވަޒީފާތަކަށް އެސެސްމަންޓް ތައްޔާރުކުރާނެގޮތުގެ ގައިޑްލައިން
ސިވިލް ސާވިސް ކޮމިޝަނުން ބުނީ، އެ އުސޫލުތަކާއި މިންގަނޑުތަކާއި ގައިޑްލައިންތަކަށް އަމަލުކުރަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ކަމަށެވެ.
މީގެ އިތުރުން މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ސިވިލް ސާވިސްގެ ވަޒީފާތަކަށް އިއުލާނުކުރުން ހުއްޓާލުމަށާއި، އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން "ސިވިލް ސާވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް 2021" އާ އެއްގޮތަށް އިދާރާތަކުން ސިވިލް ސާވިސްގެ ވަޒީފާތަކަށް އިއުލާނުކުރަމުން ގެންދާ ގޮތަށް ނިންމާފައިވާ ކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް އިދާރާތަކުން ސިވިލް ސާވިސްގެ ވަޒީފާތަކަށް ކޮށްފައިވާ އިއުލާނުތަކަށް މުވައްޒަފުން ހޮވުމާއި އައްޔަންކުރުމުގެ މަރުހަލާތައް ކުރިއަށް ދާނީ "ސިވިލް ސާވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް 2018" އާ އެއްގޮތަށް ކަމަށް ވެސް ސިވިލް ސާވިސް ކޮމިޝަނުން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު