ފްރާންސް ފޯވަޑް ކަރިމް ބެންޒެމާ ޖެހި ދެ ގޯލާއެކު އެތުލެޓިކް ބިލްބާއޯ ބަލިކޮށް، ރެއާލް މެޑްރިޑުން އެއްވަނަ މަގާމާ ގާތް ކޮށްފިއެވެ.

ރޭ ރެއާލް މެޑްރިޑުން އެލްފްރެޑޯ ޑި ސްޓެފާނޯ ސްޓޭޑިއަމްގައި ކުޅުނު ލަލީގާގެ މެޗުން މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. މެޗުން މޮޅުވެ ރެއާލް ވަނީ ލަލީގާގެ އެއްވަނައިގައި މިވަގުތު އޮތް ރެއާލް ސޮސިއެދާދާއާ ޕޮއިންޓުން ހަމަ ކޮށްފައެވެ. 13 މެޗުން 26 ޕޮއިންޓް ރެއާލް ލިބިފައިވާއިރު، 11 މެޗުން ރެއާލް މެޑްރިޑާއި ސޮސިއެދާދާ އެއްވަރަށް ޕޮއިންޓް ހޯދައިގެން އެތުލެޓިކޯ މެޑްރިޑް އޮތީ ދެވަނަގައިއެވެ.

ރޭގެ މެޗުގެ ކުރީކޮޅުގައި ބިލްބާއޯގެ ރައުލް ގާސިއާއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައިވެއެވެ. ބިލްބާއޯއިން ކުޅުންތެރިޔަކު މަދުކޮށް މެޗުގެ ބޮޑުބައެއްގައި ކުޅެފައިވާއިރު، ހާފް ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ބިލްބާއޯއިން ވަނީ ލީޑު ނަގައިފައެވެ. ޓޯނީ ކްރޫސްގެ ބާރު ހަމަލާއަކާއެކު ރެއާލްއިން ލީޑު ނަގާފައިވާއިރު، ދެވަނަ ހާފްގެ ކުރީކޮޅުގައި އަންޑާ ކަޕާ ވަނީ ބިލްބާއޯއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

ރެއާލްއަށް ދެވަނަ ފަހަރަށް ލީޑު ނަގައިދީ އެ ލީޑު ފުޅާކުރީވެސް ކަރިމް ބެންޒެމާއެވެ. ފުރަތަމަ ގޯލް ބޮލުން ގޯލަށް ޖެހިއިރު، އޭނާގެ ދެވަނަ ގޯލަކީ މެޗުގެ ފަހު ވަގުތުގައި ޖެހި ގޯލެކެވެ. ރޭގެ މެޗުގައި ރެއާލްގެ ގޯލްކީޕަރު ތިބޯ ކޯޝިއާގެ މުހިއްމު ސޭވްތަކެއް ފެނިފައިވެއެވެ.

ރެއާލްއިން ދަށްކޮށް ސީޒަން ފެށިނަމަވެސް، އެންމެފަހުން އެޓީމުން ކުޅުނު ހަތަރު މެޗުންވެސް މޮޅުވެ، ކޯޗު ޒައިނުއްދީން ޒިދާން ވަނީ ފޯމް ރަނގަޅު ކޮށްފައެވެ.