ގއ. ދާންދޫގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން އަހަރުގެ އަންހެން ކުއްޖެއްގެ ހާލު ސީރިއަސްވެއްޖެއެވެ.

"ވަން"އަށް މައުލޫމާތުދެއްވަމުން ދާންދޫ ކައުންސިލްގެ ރައީސް އިސްމާއިލް މުހައްމަދު ވިދާޅުވީ، އެ އެކްސިޑެންޓް ހިނގީ މިއަދު ހަވީރު 6:00 ހާއިރު، ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގެން އެ ކުއްޖާގެ ގައިގައި ޖެހިގެން ކަމަށެވެ.

އެކްސިޑެންޓުގައި އަނިޔާވީ ތިން އަހަރުގެ އަންހެން ކުއްޖަކަށެވެ. އެ ހާދިސާގައި އެކުއްޖާގެ ނިތްކުރި ފަޅައިގެން ގޮސް ފަޔަށްވެސް އެކިވަރުގެ އަނިޔާތައް ވެފައިވެއެވެ. އެ ކުއްޖާއަށް ދާންދޫ ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު މިހާރު އަންނަނީ ގއ. ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

އެނގިފައިވާ ގޮތުގައި އެ ކުއްޖާގެ ހާލު ސީރިއަސްއެވެ. އަދި އާއިލާގެ ފަރާތުން އެކުއްޖާ އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެނގިފައިވެއެވެ.

އެކްސިޑެންޓުވި ސައިކަލު ދުއްވަން އިނީ 19 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން ބުނީ އެ ޒުވާނާ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނޯންނަ ކަމަށެވެ.

މި އެކްސިޑެންޓްގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.