ރާއްޖެއަށް 72 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ތެރެއިން ހަތަރު މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތާއި ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި މެރިން ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ޖުމްލަ 10 މީހަކު ހައްޔަރުކުރި އެވެ. އެއީ މިމަހުގެ 10 ވަނަ ދުވަހު އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު "ވަން" އަށް ވިދާޅުވީ، ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ހަތަރު މީހުންނަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގައި އިސްކޮށް ތިބި ދެ މީހުންގެ ތެރެއިން ރ. އިނގުރައިދޫ / އެލެސްކާ، މުހައްމަދު ވިޝާމް އާއި މއ. ކަނޑޫގެ/ އަލީ އަހުމަދު އާއި ހ. ގާޑަންބިޔުޓީ/ މުހައްމަދު އަކްރަމްގެ އިތުރުން ރ. އިނގުރައިދޫ / އެލެސްކާ، އަބްދުﷲ ވިޝާމް ކަމަށެވެ.

މި ހަތަރު މީހުންގެ ތެރެއިން މުހައްމަދު ވިޝާމްގެ ބަންދަށް ފުރަތަމަ ޖެހީ ފަސް ދުވަހެވެ. ނަމަވެސް އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް މިދިޔަ ހޯމަ ދުވަހު ކޯޓަށް ހާޒިރުކުރުމުން ބަންދަށް އިތުރު ހަތް ދުވަސް ވަނީ އިތުރުކޮށްފަ އެވެ.

ބާކީ ތިބި ހަތަރު މީހުން ބަންދުގައި ބައިތިއްބަން ފުރަތަމަ ދިނީ ހަތް ދުވަހެވެ. އަދި އެމީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން އިތުރު 15 ދުވަސް ބަންދުގައި ބޭތިއްބުމަށް ވަނީ އަމުރުކޮށްފަ އެވެ.

  • 1. ސ. ހުޅުދޫ / ދޭލިޔާގެ، އިރުފާން ތަގިއްޔު (32 އ)
  • 2. ދ. މާއެނބޫދޫ / އަނބުގަސްދޮށުގެ، އަހުމަދު ނަސީރު (38 އ)
  • 3. ހދ. ނޮޅީވަރަންފަރު / ނޫރީއާގެ، މުހައްމަދު ޝަރީފް (34 އ)
  • 4. ލ. ގަން، ތުނޑި / ޕެރިސްހޮލިޑޭ، މުހައްމަދު ފުރުގާން ( 33އ)
  • 5. ތ. ތިމަރަފުށި / ތަޑިރަތްމާގެ، މުހައްމަދު ވަޖީހު (35 އ)
  • 6. ރ. ރަސްގެތީމު / ފީރޯޒްގެ، އަހުމަދު ޝިނާން (30 އ)

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މި ހަ މީހުންގެ ތެރެއިން އިރުފާން އާއި ނަސީރުގެ ބަންދަށް ފުރަތަމަ ޖެހީ 15 ދުވަސް ކަމަށެވެ. ދެން ތިބި ހަތަރު މީހުންގެ ބަންދަށް ޖަހާފައިވަނީ 10 ދުވަސް ކަމަށް ވިދާޅުވި އެވެ.

"މަސްޖަރީ" ނަމަކަށް ކިޔާ ކަންނެލި ދޯންޏެއްގައި ރާއްޖޭން ބޭރުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ލޯންޗެއްގައި ގޮސް ދޯނިން މަސްތުވާތަކެތި ނަގައިގެން ޑިސެމްބަރު އަށް ވަނަ ދުވަހުގެ މާލެއަށް އެތެރެކޮށްފައިވާކަމުގެ މައުލޫމާތު ލިބުމުން ފުލުހުން ހިންގި އޮޕަރޭޝަންގައި ރާއްޖެ އެތެރެކުރި 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދި އެވެ. ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވި ގޮތުގައި، އެތަކެތީގެ މަގުމަތީ އަގު 71 މިލިއަން ރުފިޔާއަށް އަރާނެ އެވެ.