ޗައިނީސް ސުޕަ ލީގުގައި އެނބުރެމުން އަންނަ ފައިސާގެ ކުޅިގަނޑު ހުއްޓުމަކަށް ގެނައުމަށްޓަކައި، އެގައުމުގެ ލީގުގެ ކުޅުންތެރިންގެ މުސާރަތައް ވަކި ހަމައެއްގައި ދަމަހައްޓަން ޖެހޭނެ ގޮތަށް ހަދަން ނިންމައިފިއެވެ.
ޗައިނީސް ސުޕަ ލީގުން ކުޅުންތެރިންގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެންނަން ނިންމާފައި ވަނީ ގައުމީ ޓީމު ކުރިއެރުވުމުގެ ގޮތުން ކަމަށް ފުޓުބޯޅަ އިދާރާއިން ވަނީ ބުނެފައެވެ. ކުޅުންތެރިންގެ މުސާރައިގެ ގޮތުގައި އަހަރެއްގެ މައްޗަށް ވަކި އަދަދެއް ކަނޑައަޅާފައިވާއިރު، ބިދޭސީ ކުޅުންތެރިޔަކަށް އަހަރަކަށް އެންމެ ގިނައިން ދެވޭނީ 2.7 މިލިއަން ޕައުންޑެވެ. ޗައިނާގެ ކުޅުންތެރިޔަކަށް އަހަރެއްގެ މައްޗަށް އެންމެ ބޮޑު އަދަދަކަށް މުސާރައިގެ ގޮތުގައި ދެވޭނީ ފަސް ލައްކަ ހަތްދިހަ އެއްހާސް ޑޮލަރެވެ.
ޗައިނާގެ ފުޓުބޯޅަ އިދާރާއިން ކަނޑައަޅާފައިވާ ގޮތުގައި ސެލެރީ ކެޕާ ހިލާފުވާ ޓީމުތަކަށް ހަރުކަށި އަދަބު ދެވޭނެއެވެ، އެގޮތުން އަދަބެއްގެ ގޮތުގައި 24 ޕޮއިންޓާ ހަމައަށް އުނިކުރުމުގެ ބާރު ފުޓުބޯޅަ އިދާރާއަށް ލިބިފައިވެއެވެ. އަދި ކުޅުންތެރިޔަކަށް އަދަބު ދޭނަމަ އެގައުމުގެ ފުޓުބޯޅަ އިދަރާގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑް ކުރުންވެސް ހިމެނެއެވެ.
ބައިނަލްއަގުވާމީ ޓްރާންސްފާ މާކެޓްގައިވެސް ބޮޑެތި މުސާރަ ދީފައި އެންމެ ގިނަ ކުޅުންތެރިން ގެންގޮސް، ބޮޑެތި ފައިސާގެ ކަންކަން ހިމެނޭ ޓްރާންސްފާތައް ވޭތުވެދިޔަ ދެތިން އަހަރު ޗައިނާ ލީގުގައި ކޮށްފައި ވެއެވެ. ޗައިނާގެ ފުޓުބޯޅަ އިދާރާއިން ބުނެފައި ވަނީ ސެލެރީ ކެޕްގެ ސަބަބުން އިންވެސްޓްމަންޓް ބަބުލްއެއް ލީގު މެދުވެރިކޮށް ގާއިމް ވާނެ ކަމަށެވެ.
"ޗައިނާ ސުޕަ ލީގުގެ ހަރުދަތައް ދެކުނު ކޮރެއާ ލީގަށްވުރެ 10 ގުނަ މަތި. ޖަޕާނު ލީގަށްވުރެ ތިން ގުނަ މަތި. އެކަމަކު ގައުމީ ޓީމު އަދިވެސް އޮތީ އެގައުމުތަކުގެ ފަހަތުގައި. ޗައިނާގެ ދުނިޔޭ ރޭންކިންއަކީ 75 ވަނަ. ކޮރެއާ 38 ވަނައިގައި، ޖަޕާން އޮތީ ފީފާ ރޭންކިން 27 ވަނައިގައި،" ޗައިނާގެ އެފްއޭ ރައީސް ޗެން ޒުޔުއާން ވިދާޅުވެފައި ވެއެވެ.
އަންނަ އަހަރު ޖެނުއަރީ މަހުން ފެށިގެން ސެލެރީ ކެޕަށް އަމަލުކުރަން ފަށާއިރު، ފުރަތަމަ ސެލެރީ ކެޕަށް އަމަލުކުރަން ފަށާނީ ދެވަނަ ޑިވިޝަނާއި ތިންވަނަ ޑިވިޝަނުންނެވެ.
ޗައިނާގެ ފުރަތަމަ ޑިވިޝަންގައި ޔޫރަޕްގެ އަގުބޮޑެތި ކުޅުންތެރިން މިހާރުވެސް ބޮޑެތި މުސާރައިގައި ކުޅެމުން ދެއެވެ. އެކުޅުންތެރިންގެ މުސާރަތަކާއެކު ޗައިނާ ލީގުގެ ކްލަބުތަކަށް އުނދަގޫތަކާ ކުރިމަތިވާއިރު، ލޯކަލް ކުޅުންތެރިންނަށް ވަނީ ފުޓުބޯޅައިން އުނދަގޫތަކަކާ ކުރިމަތިވެފައެވެ.
ޗެލްސީއަށް ކުޅުމަށްފަހު ޗައިނާ ލީގަށް ދިޔަ އޮސްކާގެ މުސާރަ، ހަފްތާއަކު ހަތަރު ލައްކަ ޕައުންޑަށް އަރާއިރު، އެއީ ގާތްގަނޑަކަށް އަހަރެއްގެ މައްޗަށް 20.8 މިލިއަން ޕައުންޑެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު