އިނގިރޭސި ޕްރިމިއާ ލީގުގައި ވުލްވްސްއިން ފަހު މިނެޓުގައި ގޯލް ޖަހައި، ޗެލްސީ ބަލިކޮށްފިއެވެ.

ވުލްވްސްގެ ދަނޑުގައި ރޭ ކުޅުނު މެޗުން ޗެލްސީ ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. ވުލްވްސްއިން ޖެހި ދެވަނަ ގޯލް، މެޗުގެ އިތުރު ވަގުތުގެވެސް ފަހު މިނެޓްގައި ކާމިޔާބު ކޮށްދިނީ ޕެޑްރޯ ނެޓޯއެވެ. ރަނގަޅު ފޯމެއްގައި އޮވެ ލީގުގައި ބަލި ނުވުމުގެ ރެކޯޑެއް ދަމަހައްޓަމުން އައި ޗެލްސީން އެންމެފަހުން ލީގުގައި ކުޅުނު ދެމެޗުންވެސް އެޓީމު ވަނީ ބަލިވެފައެވެ. އެ ދެ ބައްޔާއެކު ޗެލްސީއަށް 13 މެޗުން 22 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު ވަނީ ފަސްވަނައަށް ވެއްޓިފައެވެ.

ވުލްވްސްއިން ރޭގެ މެޗުން ހޯދި ތިން ޕޮއިންޓާއެކު އެޓީމު ވަނީ 13 މެޗުން 20 ޕޮއިންޓް ހޯދައިފައެވެ. މިވަގުތު ވުލްވްސް އޮތީ ތާވަލުގެ 10 ވަނައިގައެވެ.

ރޭގެ މެޗުން މޮޅުވެ ޗެލްސީއަށް ލީގުގެ އެއްވަނައަށްވެސް އެރެވެސް އޮތެވެ. މިދިޔަ ހަފްތާގައި ލިވަޕޫލާއި ޓޮޓެންހަމްވެސް އެއްވަރު ވެފައި އޮތްއިރު، ރޭގެ މެޗުން މޮޅަކަށް ޗެލްސީ އޮތީ ފެން ބޮވައިގެންފައެވެ. ފުރަތަމަ ހާފް 0-0ގެ ނަތީޖާއެއްގައި ނިމިގެން ގޮސްފައިވާއިރު، ދެވަނަ ހާފްގެ ކުރީކޮޅުގައި ޗެލްސީން ލީޑު ނެގިއެވެ.

ބެން ޗިލްވެލްގެ ހުރަސް ހިތްގައިމު ކަމާއެކު ގޯލަށް އަމާޒުކޮށްލައިގެން ޗެލްސީއަށް ލީޑު ނަގައިދިނީ އޮލިވިއާ ޖިރޫއެވެ. ޗެލްސީން ލީޑު ނެގި ނަމަވެސް މެޗުގެ ފަހު ބައިގައި ނުރައްކާ ކުރީ ވުލްވްސްއިންނެވެ. އެ މަސައްކަތުން 66 ވަނަ މިނެޓުގައި ޑެނިއަލް ޕޮޑެންސްގެ ގޯލާއެކު އެއްވަރުކޮށް ވުލްވްސްއިން ވަނީ އިތުރު ވަގުތުގެ ފަހު މިނެޓްގައި މެޗު އަނބުރާލައިފައެވެ.

ޗެލްސީގެ ޑިފެންސް ނައްޓައިލުމަށްފަހު އޭރިއާ ތެރެއަށް ވަދެ އުމުރުން 20 އަހަރުގެ ޕޯޗުގަލް ތަރި، ޕެޑްރޯ ނެޓީ ފޮނުވާލި ހަމަލާ ވައްދާލީ ގޯލްގެ ތިރީ ކަނަށެވެ.