ލޯކަލް ކައުންސިލް އިންތިހާބު އަންނަ މާޗު މަހުގެ 13 އަށް ފަސްކުރުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއެކު ބާއްވާ ފުރަތަމަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ތާވަލުކޮށްފައި އޮތީ މިއަހަރުގެ އޭޕްރިލް މަހު ބާއްވާ ގޮތަށެވެ. ނަމަވެސް ކޮވިޑުގެ ހާލަތުގައި އިންތިހާބު ބޭއްވޭނެ މާހައުލެއް ނެތުމުން ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކޮށް ލޯކަލް އިންތިހާބު އަންނަ އަހަރަށް ފަސްކުރިއެވެ.
އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ވަނީ ފަސްކުރި ލޯކަލް ކައުންސިލް އިންތިހާބު އަންނަ މާޗު މަހުގެ ހަ ވަނަ ދުވަހު ބޭއްވުމަށް ތައްޔާރީތައްވަމުން އަންނަ ކަމަށް ބުނެފައެވެ.
ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި މިރޭ ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް އިދާރީ ގޮތުން ވާން ޖެހޭ ތައްޔާރީތައް މިހާރު ވެ ނިމިފައިވާ ކަމަށެވެ. އަދި ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި ކައުންސިލް އިންތިހާބު ބޭއްވޭނެ ކަމުގެ ޔަގީންކަން ޝަރީފް ވަނީ ދެއްވައިފައެވެ.
ޝަރީފް ވިދާޅުވީ، މާޗު މަހުގެ ހަ ވަނަ ދުވަހު އިންތިހާބު ބާއްވަން މަޝްވަރާތައް ކުރި ނަމަވެސް މިހާރުގެ މަޝްވަރާތަކުގައި އެ ތާރީހު މާޗު މަހުގެ 13 އަށް ފަސްކުރުމަށް މަޝްވަރާކުރަމުން އަންނަ ކަމަށާއި ކައުންސިލް އިންތިހާބު ބޭއްވުމުގެ ފުރުސަތު ބޮޑީ މާޗު 13ގައި ކަމަށެވެ.
"6 މާޗަކީ އޭގެ ފަހުން އަންނަ ހަފްތާ އެކީ އެކައްޗަށް މި އޮންނަނީ ސްކޫލު ބަންދު ދުވަސްތަކެއްގެ ގޮތުގައި، އެއީ ޓާމް ހޮލިޑޭސްގެ ގޮތުގައި. އެހެންކަމުން ވޯޓުލާ ހޮނިހިރު ދުވަހުގެ ކުރީ ހަފްތާ ސްކޫލުތައް އޮންނާނީ ވަރަށް ހަލަބޮލިކޮށް، ޓީޗަރުން ބިޒީކޮށް ތިބޭނީ. އެދުވަސްވަރުގައި އެބޭފުޅުންނަށް އޮފިސަލުން ތަމްރީންކުރުމަށް ބާއްވާ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ވަރަށް ބޮޑެތި ހުރަސްތަކެއްް އެބަހުރި. އެހެންކަމުން އަޅުގަނޑުމެން މިހާރު މަޝްވަރާ އެބަކުރަން ހައެއްގެ ބަދަލުގައި 13 އަށް އިންތިހާބު ބަދަލު ކުރާ ތާރީހު ބަދަލުކުރަން،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ 13 މާޗުގައި އިންތިހާބު ބާއްވާނަމަ އިންތިހާބުގެ ތާވަލަށް އެއް ހަފްތާގެ ލަސްވުމެއް އަންނާނެ ކަމަށާއި އެ ތާރީހުގައި އިންތިހާބު ބޭއްވި ނަމަވެސް އިންތިހާބުގެ ދެވަނަ ބުރު ރަމަޟާން މަހުގެ ކުރިން ނިމޭނެ ކަމަށެވެ. ނަމަވެސް ދާއިމީ ނަތީޖާތައް އިއުލާންކުރާނީ ރަމަޟާން މަހުގެ ތެރޭގައި ކަމަށް ވިދާޅުވިއެވެ.
"މި ދެ ތާރީހު، މާޗު 6 ނުވަތަ 13 ގައި، ކޮންމެވެސް އެއް ތާރީހެއްގައި އިންތިހާބު ބޭއްވޭނެ،" ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބު ބާއްވާނެ ތާރީހު އިއުލާނުކުރުމަށް ފަހު އިންތިހާބާ ދެމެދު އެ އޮންނަ މުއްދަތުގައި ކެމްޕޭން ކުރުމުގެ ފުރުސަތު ގާނޫނުގައި ބުނާގޮތަށް ހަމަހަމަކަމާއެކު ހުރިހާ ކެންޑިޑޭޓުންނާއި ޕާޓީތަކަށް ލިބޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު