އައްޑޫ ސިޓީ ހިތަދޫ ޕޯޓްސް ލިމިޓެޑްގެ ކުރީގެ އެސިސްޓެންޓް މެނޭޖިން ޑިރެކްޓަރު މުހައްމަދު ރަޝީދުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނަޖާއިޒު ހޯދުމާއި ހޯދައިދިނުމުގެ ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މިއަދު ފޮނުވައިފިއެވެ.
އެ މައްސަލައަކީ އައްޑޫ ސިޓީ ހިތަދޫ ޕޯޓްސް ލިމިޓެޑްގެ މުވައްޒަފުންތަކަކަށް، އޮފީހަށް ހާޒިރުވާން ނުޖެހޭގޮތަށް އަދި ޗުއްޓީއެއް ނެގުމަކާ ނުލައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ކެމްޕެއިނަށް ވަޒީފާއިން ވީއްލައި، އެ ދުވަސްތަކަށް މުވައްޒަފުންނަށް މުސާރަ ދީފައިވާ ކަމަށާއި އެކަން ކޮށްފައިވަނީ އެކުންފުނީގެ އެސިސްޓެންޓް މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުރި މުހައްމަދު ރަޝީދުގެ މަގާމުގެ ނުފޫޒު ބޭނުންކޮށް، އޭނާގެ އެންގުމަށް ކަމަށް ބުނެ އޭސީސީއަށް ހުށަހެޅި މައްސަލައެކެވެ.
އޭސީސީން ބުނީ އެ މައްސަލައިގެ ތަހުގީގަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާ އިރު، 19 ޖޫން 2018 ގައި ހިތަދޫ ޕޯޓްސް ލިމިޓެޑްގެ އެސިސްޓެންޓް މެނޭޖިން ޑިރެކްޓަރު މުހައްމަދު ރަޝީދު އެ ކުންފުނީގެ އެސިސްޓެންޓް އެޗްއާރް މެނޭޖަރަށް ފޮނުވާފައިވާ މެމޯގައި، 21 ޖޫން 2018 އިން ފެށިގެން އެ ކުންފުނީގައި މަސައްކަތްކުރާ 16 މުވައްޒަފަކު އެ ކުންފުނީގެ ބޭނުމަކަށް ކަމަށް ބުނެ، މަސައްކަތުގެ ޒިންމާއިން ވީއްލައިދިނުމަށް އެދިފައިވާކަން އެނގޭ ކަމަށެވެ.
އެ އަހަރުގެ ޖުލައި މަހާއި ސެޕްޓެމްބަރު މަހާ ދެމެދު 12 މުވައްޒަފަކު ރިލީޒްގައި ތިބި އިރު، އެ މުވައްޒަފުން އޮފީހަށް ހާޒިރުނުވާ ދުވަސްތަކަށްވެސް މުސާރައާއި އެލަވަންސް ދީފައިވާ ކަމަށް ވެސް އޭސީސީން ބުނެއެވެ.
"2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ދުވަސްވަރު ހިތަދޫ ޕޯޓްސް ލިމިޓެޑްގެ މުވައްޒަފުންނަށް ދީފައިވާ ރިލީޒްއަކީ، ރިލީޒްދިނުމުގައި އަމަލުކުރަމުންދާ ގޮތާ ހިލާފަށް ދީފައިވާ ރިލީޒްއެއްކަން މި މައްސަލައިގެ ތަހުގީގަށް ފާހަގަކުރެވިފައިވެއެވެ..،" އޭސީސީން ބުންޏެވެ.
އޭސީސީން ބުނީ އެ ދުވަސްވަރު ރިލީޒްދީފައިވާ މުވައްޒަފުން އޮފީހަށް ހާޒިރުނުވި ނަމަވެސް، އެފަރާތްތަކުން އޮފީހަށް ހާޒިރުވިކަމަށް ދެއްކުމަށްޓަކައި ހިތަދޫ ޕޯޓްސް ލިމިޓެޑްގެ އެޓެންޑެންސް ސިސްޓަމަށް ބަދަލުގެނައުމަށް، ހިތަދޫ ޕޯޓްސް ލިމިޓެޑްގެ އެސިސްޓެންޓް މެނޭޖިން ޑިރެކްޓަރު މުހައްމަދު ރަޝީދު، އެ ކުންފުނީގެ އައިޓީ މުވައްޒަފުންނަށް އަންގާފައިވާކަން ވެސް ތަހުގީގުން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެ އަމަލަކީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނުނުގައި ބުނާފަދަ ކުށެއްކަމަށްވާތީ، ހިތަދޫ ޕޯޓްސް ލިމިޓެޑްގެ އެސިސްޓެންޓް މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުރި މުހައްމަދު ރަޝީދު (ވެލްކަމް / ސ.ހިތަދޫ) އޭނާގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމާއި، ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވީ ކަމަށް އޭސީސީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު