ކޮވިޑުގެ މި ހާލަތުގައި ފިލްމުތައް ޝޫޓު ކުރާއިރު، ސެޓުތަކުގައި އުޅެން ޖެހޭ ގޮތާއި އަމަލުތައް ބަހައްޓަން ޖެހޭ ގޮތް އެތައް ތަނަކުން ބަދަލުވެފައިވާ ކަމަށާއި އެހެން ނަމަވެސް މި މަސައްކަތަށް އޮންނަ ލޯތްބާއި މަސައްކަތް ކުރުމުގެ ޝައުގުވެރިކަމަށް ކުޑަނަމަވެސް ބަދަލެއް ނާންނަ ކަމަށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ ސާރާ އަލީ ޚާން ބުނެފި އެވެ.
ސާރާ ވަނީ ފިލްމު "އަތުރަންގީ ރޭ" ގެ ޝޫޓިންތައް ދާދި ފަހުން އަލުން ފަށައިފަ އެވެ. މި ފިލްމު ކުޅުމަށް މިދިޔަ އަހަރު ސޮއިކުރި ސާރާ ބުނީ، ކޮވިޑުގެ މި ފަދަ ހާލަތެއްގެ ތެރޭގައި މި ފިލްމު ޝޫޓު ކުރުމަކީ އެއްވެސް ގޮތަކަށް ހީވެސް ކުރެވިފައިވާ ކަމެއް ނޫން ކަމަށާއި ޝޫޓިންތައް ކުރިޔަށް ގެންދާއިރު މިހާރު އަމަލުތައް ބަހައްޓަން ޖެހޭ ގޮތް ފަސޭހަ ނޫން ކަމަށެވެ. އެހެން ނަމަވެސް ނުވަމަސްދުވަހުގެ ދިގު މެދުކެނޑުމަކަށްފަހު އަލުން މި މަސައްކަތްތައް ފެށިގެން ދިއުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް އޭނާ ބުނެފައި ވެއެވެ. މާސްކު އެޅުމާއި ގައިދުރުކަން ބެހެއްޓުމާއެކު އެނޫންވެސް ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވަޅުތަކާ އެކު ޝޫޓިންތައް ކުރިޔަށް ގެންދިޔަ ނަމަވެސް މަސައްކަތުގެ ތެރޭގައި ޝާމިލުވެ، އެ މަސައްކަތް ކުރަނީ ކުރިޔެކޭވެސް އެއްފަދައިން އެންމެ ފުރިހަމައަށް ކަމަށް ވެސް އޭނާ ބުންޏެވެ.
ސާރާ އިތުރަށް ބުނީ އެހާ ގިނަ ދުވަހު މަސައްކަތާ ދުރުގައި ގޭގައި ހުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި އެހެން ނަމަވެސް ކޮންމެ ކަމަކީވެސް އާ އަދި މުހިންމު ތަޖުރިބާއެއް ކަމަށެވެ. އެ ގޮތުން ގިނަ ދުވަސްތަކެއް ވާންދެން ގޭގައި ހުރެވޭނެ ފުރުސަތު ލިބުމުން ކޮންމެ ދުވަހެއްގެ ވެސް ގިނަ ވަގުތުތަކެއް މަންމަ އަމްރީތާ ސިންގާ އެކު ހޭދަކުރެވުމަކީ ހާއްސަ އުފަލެއް ލިބޭ ކަމެއް ކަމަށެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް