ކުރިއަށް އޮތް ފިލްމު 'އީތާ' ގެ ލާވާނީ ނެށުންތަކަށް ތައްޔާރުވުމުގެ ގޮތުން އެކްޓްރެސް ޝްރައްދާ ކަޕޫރު ދެ ފައިގައި ޖުމްލަ 8 ކިލޯގެ 'ގުންގުރޫ' ބަނދެގެން 25 ދުވަސް ވާންދެން ކޮންމެ ދުވަހަކު 8 ގަޑިއިރު ފަރިތަކުރި ކަމަށް ޑިރެކްޓަރު ލަކްޝްމަން އުތޭކަރު ބުނެފިއެވެ.

މިއީ މަހާރާޝްޓްރާގެ ސަގާފީ ނެށުންތެރިޔާ ވިތާބާއީ ނާރާޔަންގާއޮންކަރުގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. މައިގަނޑު ރޯލުން ފެންނަ ޝްރައްދާ ވަނީ މި ފިލްމަށްޓަކައި ލާވާނީ އަދި ތަމާޝާ ނެށުމުގެ ހުނަރުތައް ދަސްކޮށްފައެވެ.

ފިލްމުގެ 'ޖީ ޖީ ރޭ ޖީ' ލަވަ ލޯންޗުކުރުމުގެ ހަރަކާތެއްގައި ވާހަކަދައްކަމުން ޑިރެކްޓަރު ބުނީ، ކޮންމެ ފަޔެއްގައި 4 ކިލޯގެ އެއްޗެހި ބަނދެގެން ގިނަ ގަޑިއިރުތަކެއް ވާންދެން ފަރިތަކުރުމުގެ ސަބަބުން ޝްރައްދާގެ ފައި ދުޅަވި ކަމަށެވެ. ނަމަވެސް، މަސައްކަތަށް އޮތް ސަމާލުކަމާއި ޝައުގުވެރިކަމުގެ ބޮޑުކަމުން އޭނާ ފަރިތަކުރުންތައް ހުއްޓާނުލައި ކުރިއަށް ގެންދިޔައެވެ.

ލަވައިގެ ޝޫޓިންގެ ދެވަނަ ދުވަހު ޝްރައްދާގެ ފައިގެ މަސްގަނޑެއް ވީދިގެން، ޝޫޓިން ވަގުތީ ގޮތުން މެދުކަނޑާލަން ޖެހުނު ކަމަށާއި މި ހާދިސާއަށްފަހު އެއް މަސްދުވަހުގެ ތެރޭގައި ފައި ރަނގަޅުވެ، އޭނާ އަލުން އެނބުރި ސެޓަށް ހާޒިރުވި ކަމަށް ވެސް ޑައިރެކްޓަރު ބުނެފައިވެއެވެ.

ޝްރައްދާގެ މި ބުރަ މަސައްކަތަށް ޑިރެކްޓަރު ވަނީ ވަރަށް ބޮޑަށް ތައުރީފު ކޮށްފައެވެ. މި ފިލްމު ސިނަމާތަކުގައި އަޅުވަން ހަމަޖެހިފައިވަނީ 4 ޑިސެމްބަރު 2026 ގައެވެ.