ޓައިމް މެގަޒިންއިން އަލަށް ތައާރަފުކުރި "ޓައިމް100 ނެކްސްޓް އިންޑިއާ" ލިސްޓުގެ ފުރަތަމަ އެޑިޝަންގެ ކަވަރުން ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް އާލިއާ ބަޓް ޖާގަ ހޯދައިފިއެވެ.
މި ލިސްޓަކީ އިންޑިއާގެ މުސްތަގުބަލު ބައްޓަންކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ އަދި ތަފާތު ދާއިރާތަކުން ކުރިއަރަމުން އަންނަ 100 ލީޑަރުން ފާހަގަކޮށް އެކުލަވައިލައިފައިވާ ލިސްޓެކެވެ. މިއީ ޓައިމް މެގަޒިންގެ "ޓައިމް100 ނެކްސްޓް" ބްރޭންޑް ވަކި ގައުމަކަށް ޚާއްސަކޮށްގެން ނެރުނު ފުރަތަމަ ފަހަރެވެ.
މި ޚާއްސަ އަދަދުގައި އާލިއާ ބަޓާ ބެހޭގޮތުން މަޝްހޫރު ފިލްމު ޑިރެކްޓަރު އެސްއެސް ރާޖަމޯލީ ވަނީ ޚާއްސަ ލިޔުމެއް ލިޔެފައެވެ. ރާޖަމޯލީ ވަނީ އާލިއާއަކީ އިންޑިއާގެ ސިނަމާ ބައިނަލްއަގުވާމީ ދުނިޔެއަށް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ "ގްލޯބަލް އެމްބެސަޑަރެއް" ގޮތުގައި ސިފަކުރައްވައިފައެވެ.
ރާޖަމޯލީގެ ލިޔުމުގައި، އޭނާ ޑިރެކްޓްކުރި ފިލްމު "އާރްއާރްއާރް" ގައި އާލިއާ އަދާކުރި ސީތާގެ ރޯލަށް އޭނާ ދިން އަހައްމިއްޔަތުކަން ފާހަގަކުރިއެވެ. ކުޑަ ރޯލެއް ނަމަވެސް، ތެލިނގޫ ބަހުން ދައްކަން ޖެހޭ ވާހަކަތައް ފުރިހަމައަށް ދަސްކޮށް، އަމިއްލަ ބަހެއްގެ ގޮތުގައި އިހުސާސްވާ މިންވަރަށް އާލިއާ މަސައްކަތްކުރިކަން ރާޖަމޯލީ ފާހަގަކުރިއެވެ.
މީގެ އިތުރުން ބާފްޓާ އެވޯޑްސް ފަދަ ބައިނަލްއަގުވާމީ ބޮޑެތި މަންސަތަކުގައި އިންޑިއާގެ ސިނަމާ ތަމްސީލުކުރުމުގައި އާލިއާ އަދާކުރާ ދައުރަށްވެސް ރާޖަމޯލީ ވަނީ ތައުރީފުކޮށްފައެވެ. އާލިއާގެ އިތުރުން މި ލިސްޓުގައި އާރްޔަން ޚާން، ޕާޔަލް ކަޕާޑިއާ، އަދި ތޭޖާ ރިއޯ ފަދަ ފިލްމީ ދާއިރާގެ އުއްމީދީ އެކި ފަރާތްތައް ހިމެނެއެވެ.
މި ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ޝަރަފުގައި ބާއްވާ ޚާއްސަ ގާލާ ހަރަކާތް އަންނަ ޑިސެމްބަރު 12 ގައި މުމްބާއީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އިންޑިއާގެ މުނިފޫހިފިލުވުމާއި، ވިޔަފާރިއާއި، ކުޅިވަރާއި، ޓެކްނޮލޮޖީ ދާއިރާގެ ކުރިއަރަމުން އަންނަ ތަރިންގެ އަގުވަޒަންކުރުމަށް ބާއްވާ ބޮޑު ހަރަކާތެކެވެ.
ކޮމެންޓް