ހިންދީ ސިނަމާގެ މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރު، އެކްޓަރު ކާތިކް އާރްޔަންގެ 35 ވަނަ އުފަންދުވަހާ ދިމާކޮށް އެކްޓަރާއެކު އުފައްދާ މޮންސްޓާ ތުރިލާ ފިލްމު "ކާލިޔާ" 5 މޭ 2028 ގައި ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވާކަން އިއުލާންކޮށްފިއެވެ.

މި ފިލްމަކީ އިންޑިއާގެ އަސާރީ ވާހަކަތަކާއި ކަނޑުގެ ރާކްޝަސެއްގެ މަޝްހޫރު ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. މިއީ ދަރުމާ ޕްރޮޑަކްޝަންސްއިން މޮންސްޓާ ތުރިލާ ޖޭންރާގެ ފިލްމެއް އުފައްދާ ފުރަތަމަ ފަހަރެވެ.

ކަރަން ޖޯހަރު މީސްމީޑިއާގައި ހިއްސާކުރި ވީޑިއޯ ޓީޒާގައި ފެންނަނީ ނާމާން ރޭގަނޑެއްގައި މަންމަޔަކު އޭނާގެ ކުޑަ ދަރިފުޅަށް ކާލިޔާގެ ވާހަކަ ކިޔައިދޭ މަންޒަރެވެ. މި ވީޑިއޯއާއެކު ކަރަން ލިޔެފައިވަނީ، "ޝްރީ ކްރިޝްނާ އެ އެތި ފޮނުވާލި. ނަމަވެސް އިންސާނުން އަލުން އެ އެތި އަނބުރާ ގެނެސްފި" މިހެންނެވެ.

މި ފިލްމު ޑައިރެކްޓް ކުރަނީ "ދަ ނައިޓް މެނޭޖަރު" އަދި "އާރްޔާ" ފަދަ މަގުބޫލު ސީރީޒްތައް އުފެއްދި ސަންދީޕް މޯދީއެވެ. މިއީ ސަންދީޕް މޯދީ ބޮލީވުޑްގެ ބޮޑު ސިނަމާއަށް ނެރޭ ފުރަތަމަ ފިލްމެވެ.

"ކާލިޔާ" އަކީ ކާތިކް އާރްޔަން އަލަށް އުފެއްދި ޕްރޮޑަކްޝަން ހައުސް "ޑޯޕަމީން ސްޓޫޑިއޯސް" އާއި ދަރުމާ ޕްރޮޑަކްޝަންސް ގުޅިގެން އުފައްދާ ފިލްމެކެވެ. އެހެންކަމުން މިއީ ކާތިކް ކޯ-ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކުރާ ފުރަތަމަ ފިލްމު ވެސް މެއެވެ.

މި ފިލްމުގެ އިތުރުން ވެސް ކާތިކް އާއި ކަރަން ޖޯހަރު ވަނީ "ނާގްޒިލާ" ނަމަކަށް ކިޔާ ފެންޓަސީ ފިލްމެއްގައި ވެސް އެކީގައި މަސައްކަތްކުރުމަށް ނިންމައިފައެވެ. އެ ފިލްމު ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވަނީ 12 ފެބްރުއަރީ 2027 ގައެވެ.

މި ފިލްމުގެ ސްކްރީންޕްލޭ އަދި ޑައިލޮގްތައް ލިޔެފައިވަނީ ސަންދީޕް ޖައިންއެވެ. އަދި ފިލްމުގެ މިއުޒިކް އުފައްދާފައިވަނީ ޖޯން ސްޓެވާޓެވެ.

މި ފިލްމުގެ އިއުލާނާއެކު ކާތިކް އާރްޔަންގެ ސަޕޯޓަރުންނާއި ފިލްމީ ދާއިރާގެ ގިނަ ބައެއްގެ ސަމާލުކަން ވަނީ މި ފިލްމަށް ހުއްޓިފައެވެ.