ކޮވިޑް ޖެހިގެން ލަންކާގައި މަރުވާ މުސްލިމުން ރާއްޖެ ގެނެސް ވަޅުލުމަކީ މިވަގުތަށް ވަރަށް މުހިންމު ކަމެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓަރު މިފަދައިން ވިދާޅުވީ، ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލުމުގެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް އެގައުމުގެ ސަރުކާރުން ރާއްޖޭގައި އެދުމުން، އެ އިންތިޒާމުތައް ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާކުރައްވަން ފެއްޓެވުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ، ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މުސްލިމުން ރާއްޖެ ގެނެސް ވަޅުލުމަކީ މިވަގުތަށް މުހިންމު ކަމެއް ކަމަށާއި އެއީ ގިނަގުނަ ދަރުމައާއި ސަވާބު ލިބޭނެ ކަމެއް ކަމަށެވެ.
އިސްލާމިކް މިނިސްޓަރުގެ އިތުރުން މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވެސް ވަނީ ކޮވިޑް ޖެހިގެން ލަންކާގައި މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލުމަށް ތާއީދުކުރައްވައިފައެވެ. އެގޮތުން އިޔާޒް ވިދާޅުވީ، ލަންކާގައި ކޮވިޑް ބަލީގައި މަރުވާ މުސްލިމުނާ މެދު ވަރަށް އިހާނެތިކޮށް ކަންތައް ކުރެވެމުންދާ ކަމަށާއި އެހެންކަމުން އެބައިމީހުންނަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދެއްވައި އެ އިހާނެތިކަމުން މުސްލިމުން ސަލާމަތްކުރުމަށް ނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށެވެ.
ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލުމަށް ގިނަ އިލްމުވެރިން ތާއީދުކުރައްވާފައިވާ އިރު، ކޮވިޑް ބަލީގައި މަރުވާ މީހުން ވަޅުލުމަށް ރާއްޖެ ގެންނަން ތާއީދު ނުކުރައްވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ވިދާޅުވެފައެވެ.
ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ އެންމެން އެންދުން މަޖުބޫރު ކޮށްފައިވާ އިރު، އެ ބަލީގައި މަރުވާ މުސްލިމުން އަންދާތީ އެއީ އިސްލާމީ އުސޫލާ ހިލާފު ކަމެއް ކަމަށް ބުނެ ގިނަ މުސްލިމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެކަމާ ގުޅިގެން އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ވެސް ވަނީ ނުރުހުން ފާޅުކޮށްފައެވެ.
ލަންކާގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު ޑރ. ހެމަންތަ ހެރަތާ ހަވާލާދީ އެގައުމުގެ ޑެއިލީ މިރާ ނޫހުން ބުނީ، ކޮވިޑް ޖެހިގެން މަރުވާ މުސްލިމުން ވަޅުލައިދޭން ތައްޔާރަށް އޮތް ކަމަށް ބުނެ ދިވެހި ސަރުކާރުން ރަސްމީކޮށް އެގައުމުގެ ފޮރިން މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ.
ސްރީލަންކާ އާއި ރާއްޖޭގެ އެކުވެރިކަމަަށް ޒަމާންތަކެއް ވެފައިވާ އިރު، ލަންކާގައި ރާއްޖޭގެ ބޮޑު އާބާދީއެއް ދިރިއުޅެއެވެ. އެގޮތުން އެގައުމުގައި ރާއްޖޭގެ 15،000 އަށްވުރެ ގިނަ ދިވެހިން ދިރިއުޅެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު