ދިވެހި ޕްރިމިއާ ލީގަށް އެނބުރި އައިސް ކްލަބު ވެލެންސިއާއިން ކުޅުނު ފުރަތަމަ މެޗުގައި ކްލަބު ގްރީން ސްޓްރީޓްސް ބަލިކޮށްފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުން ވެލެންސިއާ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ހަމައެކަނި ގޯލް ޖަހައިދިނީ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)އެވެ. އެއް ސީޒަނުގެ މެދުކެނޑުމަކަށްފަހު ވެލެންސިއާއިން ފުރަތަމަ ޑިވިޝަނަށް އައިސް، ކުރި އެންމެ ފާހަގަކޮށްލެވޭ ޓްރާންސްފާއަކީ ރާއްޖެ ދުށް އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ދަގަނޑޭ އެ ކްލަބަށް ގެންދިއުމެވެ. ދަގަނޑޭ ރާއްޖޭގެ ފުޓުބޯޅައަށް ތައާރަފުވެގެން އައި ކްލަބަކީވެސް ވެލެންސިއާ ކަމަށްވާއިރު، މި ސީޒަން އޭނާއަށް ވަރަށް ބޮޑަށް ހާއްސައެވެ.

15 އަހަރު ހޯމް ކްލަބާ ދުރުގައި ހުރުމަށްފަހު އެނބުރި އައިސް، ދަގަނޑޭ ޖެހި ގޯލާއެކު އޭނާއަށް ތަފާތު އިހުސާސެއް ކުރެވުނު ކަމަށް ވަނީ ބުނެފައެވެ.

މިރޭގެ މެޗުގެ ކުރީކޮޅުގައިވެސް ވެލެންސިއާއިން ހަމަލާތައް އުފެއްދިއެވެ. ހުސެއިން ފައިސަލް (ފައިޓޯ)ގެ ފުރުސަތުގެ އިތުރުން އަލީ ފާސިރު (ސެންޓޭ)އަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވުނު އިރު، ވެލެންސިއާ އިން ލީޑު ނެގީ މެޗުގެ 26 ވަނަ މިނިޓްގައި ދަގަނޑޭ ޖެހި ހިތްގައިމު ގޯލުންނެވެ. ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) ދިން ބޯޅައެއް ހިފައިގެން އޭރިއާ އަރިމަތިން ކަހަލަ ގޮތަކަށް ގްރީން ސްޓްރީޓްސް ކުޅުންތެރިއެއް ކައިރިން ދެމިގަތުމަށް ފަހު ދަގަނޑޭ ޖެހި ބޯޅަ އަމާޒުވީ ހަނި އޭންގަލުން ގޮސް ގޯލުގެ މަތީ ކަނަށެވެ.

ފުރަތަމަ ހާފުގެ ފަހުކޮޅުގައި ގްރީންގެ ފަރާތުން ހަމަލާތައް ފެނުނު ނަމަވެސް އެޓީމަށް ނަތީޖާ ހަމަހަމަކުރެވޭ ގޮތެއް ނުވިއެވެ. ދެވަނަ ހާފަށް ނުކުމެވެސް ގްރީނުން ނަތީޖާ ހަމަހަމަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. މުހައްމަދު ޖައިލަމް (އޮގީ) ނެގި ހުރަސް ގޯލު ކުރިމަތީގައި ހުސްކޮށް ހުރި މުހައްމަދު މުސްލިހް (މުއްޓި) އަށް ލިބުނު ފުރުސަތު ނާކާމިޔާބުވެފައިވާ އިރު، ނަޒީމް ގާސިމް (ޗޯޓު) އަށް އޭރިއާ ތެރެއިން ހުސްކޮށް ލިބުނު ބޯޅައަކުން އޭނާ ފޮނުވާލި ހަމަލާ ދިޔައީ އަރިމަތިން ބޭރުންނެވެ.