އަހަރެމެން ކޮންމެ މީހެއްގެ ދިރިއުޅުމުގައިވެސް އުންމީދުތަކެއްވެއެވެ. ދުނިޔެމަތީގައި ހާސިލުކުރަން ބޭނުންވާ ކަންކަމާއި ބާއްޖަވެރި އުހުރަވީ ހަޔާތެއް ހޯދުމުގެ އުންމީދުތަކެއްވެސް ވެއެވެ. މިއަދު އަހަރެމެންގެ ދިވެހި މުޖުތަމައަށް ނަޒަރު ހިނގާލާއިރު، ދިވެހި ކޮންމެ އާއިލާއެއްވެސް އެ ބައެއްގެ ދަރިންނަށް ރަނގަޅު ތައުލީމެއް ހޯދައިދިނުމުގެ އަޒުމުގައިވެއެވެ. އަދި އެ ތައުލީމުގެ ސަބަބުން ކުދިންގެ ދެދުނިޔެ ބާއްޖަވެރިވާނެ ތައުލީމު ހޯދައިދިނުމުގެ އަޒުމުގައިވާ މައިންބަފައިންވެސް މަދެއްނޫނެވެ.
އަހަރެމެން ދިވެހިންނެކޭ އެއްފަދައިން ސީރިއާގެ މައިންބަފައިންވެސް އެ މީހުންގެ ތުއްތު ޅަ ދަރިންނަށް ރަނގަޅު ތައުލީމެއް ދެވޭތޯ އަންނަނީ ދުއާ ކުރަމުންނެވެ. ނަމަވެސް މިއަދު އެ ގައުމުގައި އޮތް ދާހިލީ ހަމަނުޖެހުމުގެ ސަބަބުން ތައުލީމުން މަހުރޫމްވެފައިވާ އެތައް ކުދިންނެއް އެބަތިއްބެވެ. އަދި ކިތަންމެ ދަތި ހާލުގައި، ދެ އިރު މުއްތި ކުރާނެ ކާއެތިކޮޅެއް ނުލިބިފައި ތިބި ސީރިއާގެ އެ ލޯބި ލޯބި ތުއްތުކުދިންގެވެސް ހުވަފެންތަކެއްވެއެވެ. ޑޮކްޓަރެއް، ނަރުހެއް، ޓީޗަރެއް ނޫނީ އިންޖީނިއަރަކަށްވުމުގެ ހުވަފެންތަކެވެ. އެހެންނަމަވެސް އެ ކުދިންގެ މައިންބަފައިންގެ މާލީ ހާލަތު ހުރިގޮތުން އެ ކުދިންނަށް ކިޔަވައިދިނުމުގެ ތަނަވަސް ކަމެއް މިއަދަކު ނެތެވެ.
އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން 2019 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ހުޅުވައި ކިޔަވައިދޭން ފެށި އަލޫކާ ސްކޫލަކީ ކިޔެވުމުން މަހުރޫމުވެފައިތިބި އެތައް ސަތޭކަ ކުދިންނަކަށް އާ އުންމީދެއް ލިބިގެންދިޔަ ކަމެކެވެ. ސީރިއާގެ އިޑްލިބްގައި ހިންގާ އަލޫކާ ސްކޫލަކީ ދިވެހި ރައްޔިތުންގެ އެހީއާއެކީ ހިންގާ ސްކޫލެކެވެ. އަލޫކާ ސްކޫލް ހިންގުމުގެ މަސައްކަތަކީ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އާއި ބޭރުގެ އިންޓަނޭޝަނަލް ދެ ޕާޓްނަރުންކަމަށްވާ އައިއެޗްއެޗް އަދި އޮލިވް ގްރޯވް އާއި ގުޅިގެން ކުރަމުން އަންނަ މަސައްކަތެކެވެ. މީގެ އިތުރުން އިދްލިބްގައި އަލޫކާ ސްކޫލުގެ އަމަލީ މަސައްކަތް ކުރަމުން އަންނަނީ އައިއެޗްއެޗްއެވެ.
ސީރިއާގެ އަލޫކާ ސްކޫލުގައި ކިޔަވަމުން އަންނަ ކުއްޖެއް ކަމަށްވާ ސަމާއަށް، ރާއްޖޭގައި އެހީވަމުން އަންނަ ދިވެހި އުހުތެއް ސިޓީއެއް ފޮނުވިއެވެ. ކާފު އަތޮޅަށް ނިސްބަތްވާ އެ އުހުތާ ފޮނުވި ސިޓީގައި ވަނީ....
ދައްތަގެ ލޯބިވާ ސަމާއަށް،
ދައްތަގެ ފަރާތުން ސަލާމް މި ފޮނުވަނީ ނުހަނު އުފާވެރިކަމާއެކުއެވެ.
ހާލު ކިހިނެއް؟ މަންމައާއި ބައްޕަގެ ހާލު ކިހިނެއް؟ އާއިލާގައި އެއްބަނޑުއެއްބަފާ ކިތައް ކުދިން ތިބޭ؟ ތިފަދަ ލޯބި ކުއްޖަކަށް އެހީވުމުގެ ފުރުސަތު ލިބުނީތީ ދައްތަ ވަރަށް އުފާވެއެވެ. އަދި ދައްތަ އެންމެ އުފާވާ އެއްކަމަކީ ދައްތަގެ ދަރިއެއް ނެތަސް، ﷲ ގެ ރަހުމަތުން ތިފަދަ ރީތި އަންހެން ދަރިއަކަށް އެހީވެ ހިދުމަތް ކޮށްދިނުމުގެ ފުރުސަތު ލިބުމެވެ.
ދައްތަގެ ފަރާތުން ބޭނުންވާ އެއްވެސް ކަމެއް އެބަހުރިތަ؟ އިންޝާ ﷲ އެކަން ކޮށްދެވޭތޯ މަސައްކަތް ކުރާނަމެވެ. ދައްތަގެ ދުއާއަކީ ސަމާއާއި ސަމާގެ އާއިލާއަށް ހެޔޮ ރަހްމަތް ލެއްވުމެވެ. އަދި ސީރިއާގެ ހުރިހާ ތުއްތު ކުދިންނާއި އާއިލާތަކަށް ހަމަޖެހުމާއި އުފާވެރިކަމާއި ދުޅަހެޔޮ ސިއްހަތެއް މެދުވެރި ކޮށްދެއްވުމެވެ.
ދައްތަގެ ސިޓީ ކުރުކޮށްލާނަމެވެ. ސަމާ ބޭނުންވާ ކަމެއް ހިމަނާލާފަ ސިޓީއެއް ފޮނުވައްޗެވެ. ބަރާބަރަށް ނަމާދުކޮށް، ﷲ އަށް ދުއާ ކުރައްޗެވެ. މި ސިޓީ ސަމާގެ މަންމައަށް ދައްކައިލައްޗެވެ. ވީޑިއޯ ކޯލް މެދުވެރިކޮށް އަދިވެސް އެއްފަހަރު ބައްދަލުވާނެ ކަމަށް އުންމީދުކުރަމެވެ.
ލޯބިވާ،
ދައްތަ
ދިވެހިރާއްޖެ
ސީރިއާގެ އަލޫކާ ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރު ސަމާއަށް ކިޔެވުމަށް އެހީވަމުން އަންނަ ދިވެހިރާއްޖޭގެ ދައްތަ ފޮނުވި ސިޓީގެ ޖަވާބުގައި ސަމާ ސިޓީއެއް ފޮނުވިއެވެ.
އައްސަލާމްއަލައިކުމް
ދައްތަ އަށް،
އަހަރެމެން ދެމީހުންނަށް އެކަކު އަނެކަކު ނޭނގުނަސް ދައްތަ ދެކެ އަހަރެން ވަރަށް ލޯބިވެއެވެ. އަދި ދައްތަ ފޮނުވައި ކޮށްދެއްވި އެކި މަސައްކަތާއި ހެދި ލޯބިވަމެވެ. އެކަމުގެ ސަބަބުން އަހަރެންގެ ހިތަށް އުފާވެރިކަން ލިބެއެވެ. އަހަރެން ﷲ ކިބައިން އެދެނީ ދައްތައަށް ހެޔޮ ސިއްހަތެއް ދެއްވުމެވެ. ﷲ ގެ ހެޔޮ ރަހުމަތުން އަހަރެން ރަނގަޅެވެ. އަހަރެން ހަމައެކަނި އެދޭ ކަމަކީ އަމިއްލަ ގައުމުގައި ރައްކާތެރިކަމެވެ. ހަމަނުޖެހުން ތަކުގެ ސަބަބުން ރައްކާތެރިކަން ހޯދުމަށް އެއްތަނުން އަނެއްތަނަށް ބަދަލު ބަދަލުވެ ވަރުބަލިވެއްޖެއެވެ. އަހަރެން ދިރިއުޅެމުންދަނީ މަންމައާއި ބައްޕައާއި ކުޑަ ފިރިހެން ކޮއްކޮއާއި އެކުއެވެ. އެއްޗެއް ދޭން ދައްތަ ބޭނުންނަމަ އަހަރެމެންނަށް ފިނިއިރު ލާ ހެދުން މިވަގުތު ވަރަށް ބޮޑަށް ބޭނުންވެފައިވެއެވެ. އެކަމަކު އެއީ ދައްތަ އެ ތަކެތި ގަތުމުގައި ގާބިލްކަންހުރި ނަމައެވެ. ދައްތަ އަހަރެންނަށް ތި ދޭ އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރުވެރިވާ ވާހަކަ ބުނަން ބޭނުމެވެ. އަހަރެން މިހާރު މިދަނީ ގުރުއާން ދަސްކުރަމުންނެވެ. އެގޮތުން ކުދި ކުދި އާޔަތްތައް ދަސްކުރަމެވެ. އެއް ދުވަހަކު ދައްތަ ދެކިލަން އުންމީދުކުރަމެވެ. އަދި ބޭނުންވެއެވެ. އަހަރެން ދައްތަ އަށް ކުރެހުމެއް ހެދީމެވެ. ދައްތައަށް އެ ކަމުދާނެ ކަމަށް އުންމީދުކުރަމެވެ.
ލޯބިވާ
ސަމާ
މިއީ ދިވެހިރާއްޖެއާއި އެތަށް ހާސް މޭލު ދުރުން ސީރިއާއިން ފޮނުވި ސިޓީއެކެވެ. ސަމާ ފަދަ ސީރިއާގައި ދިރިއުޅޭ އެތައް ސަތޭކަ ކުދިންނެއް އެ ދިވެހި އަންހެން އުހުތާ ފަދަ އިހްސާންތެރިއެއްގެ އިންތިޒާރުގައިވެއެވެ. ދުރުގައި ތިއްބަސް މަންމައެއްގެ ކުލުނުގެ އިންތިޒާރުގައި ތިބި ޔަތީމު ކުދިންވެސް ސީރިއާގައި މަދެއް ނޫނެވެ. އެ ދިވެހި އުހުތާގެ ދަރިއެއް ނެތަސް މިއަދު އޭނާއަށް ތުއްތު މައުސޫމު ކުއްޖެއްގެ ހިތުގެ ފުން ލޯބި ލިބިފައިވެއެވެ. ދަރިއެއް މަންމައެއް ދެކެވާ ފަދަ ލޯބި ސަމާގެ ފަރާތުން މިއަދު އެ އުހުތާއަށް ލިބިފައިވެއެވެ.
މިއަދު ދިވެހިންގެ ތެރެއިން ކޮންމެ ފަރާތަކަށްވެސް އަލޫކާ ސްކޫލުގައި ކިޔަވަން ބޭނުންވެ އެކަން ނުކުރެވިފައި ހުރި ކުއްޖަކަށް އެހީވުމުގެ ފުރުސަތު އެބައޮތެވެ. މާލީ ގޮތުން އެހީވާނެ އޯގާތެރި ހިތެއް ބޭނުންވެފައިވާ ކުދިން އެބަތިއްބެވެ. އަދި ލޭގެ ގޮތުން ނޫނަސް މި ކުދިންނަކީ ތިބާގެ ދަރިންނެކޭ އެއްގޮތަށް އަޅައިލުމުގެ ފުރުސަތު ކޮންމެ ދިވެހި ރައްޔިތަކަށް މިއަދު އިންޓިނަނޭޝަނަލް އެއިޑް ކެމްޕޭނުން ފޯރުކޮށްދެއެވެ.
އަލޫކާ ސްކޫލްގެ އިތުރުން މައުލޫމާތު އަދި ކުދިން ސްޕޮންސަރ ކުރައްވަން ބޭނުންވާ ފަރާތްތަކަށް 7322122 ގުޅުއްވޭނެއެވެ. މީގެއިތުރުން އަލޫކާ ސްކޫލާއި ބެހޭ މައުލޫމާތު އައިއޭސީގެ ފޭސްބުކް ޕޭޖް https://web.facebook.com/IACMaldives/ މެދުވެރިކޮށް ލިބިގެންދާނެއެވެ. މީގެ އިތުރުން، އަލޫކާ ސްކޫލުގެ ހާއްސަ ފޭސްބުކް ޕޭޖެއް އޮންނައިރު، މިވަގުތު އެ ސްކޫލުގައި ތައުލީމް ހޯދަމުން އަންނަ ދަރިވަރުންގެ އަޕްޑޭޓް އެ ޕޭޖް މެދުވެރިކޮށް ލިބިގެންދާނެއެވެ. މީގެއިތުރުން، އަލޫކާ ސްކޫލްގެ ފޭސްބުކް ޕޭޖް ފޮލޯ ކުރެއްވުމުން މި ހުރިހާ މައުލޫމާތުތަކެއް ލިބިގެންދާނެއެވެ.
އައިއޭސީއިން ހުޅުވާލާ މި ފުރުސަތުގެ ދަށުން، ދިވެހި ކޮންމެ ރައްޔިތަކަށްވެސް މި ސްކޫލުގެ ދަރިވަރެއް އަމިއްލަ ދަރިއަކަށް ހަރަދުކުރާ ފަދައިން މަހުން މަހަށް ސްކޫލް ފީ ދައްކައިދީ އެ ކުދިންގެ ކިޔެވުމުގެ ހަރަދު ބެލެހެއްޓިދާނެއެވެ. އައިއޭސީއިން ބުނިގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އަލޫކާ ސްކޫލްގެ ދަރިވަރުންނާ ބެހޭ އިތުރު މައުލޫމާތާއި އެކުދިންނާއި ގުޅުން ބަދަހި ކުރުމުގެ ފުރުސަތު ސްޕޮންސާ ކުރާ ފަރާތަކަށް ލިބިގެން ދާނެއެވެ. އެގޮތުން އެ ކުދިން ސްކޫލުގެ ގުރުއާން މުބާރާތެއް ނުވަތަ ކޮންސަޓެއްގައި ބައިވެރިވެއްޖެ ނަމަ އެ ކަމުގެ ތަފްސީލާއި އަދި އީދު ފަދަ ދުވަސްތަކުގައި އެ ކުދިންނަށް ހަދިޔާ ދިނުމުގެ ފުރުސަތު ހުޅުވާލެވިގެން ދާނެއެވެ.
ރިޕޯޓް
ރިޕޯޓް
ރިޕޯޓް
ރިޕޯޓް