ޚަބަރު

ކޮވިޑް ބަލީގައި މަރުވާ މީހުން ވަޅުލަން ރާއްޖެ ގެންނަން ތާއީދެއް ނުކުރަން: ރައީސް މައުމޫން

އަލީ އަފާފް ރަމީޒު

ކޮވިޑް ބަލީގައި މަރުވާ މީހުން ވަޅުލުމަށް ރާއްޖެ ގެންނަން ތާއީދު ނުކުރައްވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝާހިދު މިއަދު ވިދާޅުވެފައިވާ ގޮތުގައި ކޮވިޑް ޖެހިގެން ސްރީލަންކާގައި މަރުވާ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ސްރީލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާތީ، ރާއްޖޭގައި ސްރީލަންކާގެ މިފަދަ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯއްދެވުމަށް އެދިވަޑައިގެން ސްރީލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށެވެ.

އިސްލާމީ އުހުއްވަތްތެރިކަން ދެމެހެއްޓުމުގެ މަތިވެރި ނިޔަތާއި މަގުސަދުގައި، އަދި ރާއްޖެއާ ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ރިއާޔަތްކުރައްވައި، ސްރީލަންކާގެ މުސްލިމުންނަށް ފޯރުކޮށްދެވޭ ހާއްސަ އެހީތެރިކަމެއްގެ ގޮތުގައި ސްރީލަންކާގެ ރައީސްގެ މި ހުށަހެޅުއްވުމުގައި އެދިވަޑައިގެންފައިވާ ކަންކަން އިންތިޒާމުކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ރައީސް ސޯލިހު ގެންދަވަނީ ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާކުރައްވަމުން ކަމަށްވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

އެކަމާ ގުޅިގެން ރައީސް މައުމޫން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްވެސް ދީނަކަށް ނުވަތަ ނަސްލަކަށް ނުބަލައި، ރާއްޖެއަށް ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކަށް މަރުހަބާ ދަންނަވާ ކަމަށެވެ. ނަމަވެސް ކޮވިޑް ބަލީގައި މަރުވާ ބޭރު ފަރާތްތައް ރާއްޖެ ގެނެސް ވަޅުލުމަކީ ތާއީދު ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

ލަންކާ މުސްލިމުން ރާއްޖޭގައި ވަޅުލުމަށް ސަރުކާރުން މަޝްވަރާތައް ފަށާފައިވާ އިރު، މިކަމާ ގުޅިގެން ވަނީ ހިޔާލު ތަފާތު ބަހުސެއް ފެށިފައެވެ. އެގޮތުން މުސްލިމުން ވަޅުލުމަށް ރާއްޖެއިން ފުރުސަތުދޭން ޖެހޭ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ އިރު، އަނެއްބައި ފަރާތްތަކުން ގަބޫލު ކުރާ ގޮތުގައި މިކަމުގެ ސަބަބުން އަނެއްކާވެސް ނުރައްކަލަކަށް ރާއްޖެ ހުށަހެޅުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ލަންކާގެ ކުރީގެ ފޮރިން މިނިސްޓަރު މަންހަލަ ސަމަރަވީރާ ވެސް ވަނީ ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ މިއީ ލަންކާއަށް ބޮޑު ލަދެއް ކަމަށާއި ލަންކާގެ ކޮންމެ ރައްޔިތަކަށް ވެސް، އެމީހެއްގެ ދީނުގައި އޮތް ގޮތަކަށް އެ މީހެއްގެ ޖަނާޒާގެ ކަންކަން ކުރިއަށްގެންދިއުމުގެ ހައްގު ލަންކާގެ ބިމުގައި އޮންނަންވާނެ ކަމަށެވެ.

ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ އެންމެން އެންދުން މަޖުބޫރު ކޮށްފައިވާ އިރު، އެ ބަލީގައި މަރުވާ މުސްލިމުން އަންދާތީ މުސްލިމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މުސްލިމުން ބުނަމުން އަންނަނީ މަރުވާ މުސްލިމުން އެންދުމަކީ އިސްލާމީ އުސޫލާ ހިލާފު ކަމެއް ކަމަށެވެ. އަދި އެކަމާ ގުޅިގެން އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ވެސް ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ލަންކާގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު ޑރ. ހެމަންތަ ހެރަތާ ހަވާލާދީ އެގައުމުގެ ޑެއިލީ މިރާ ނޫހުން ބުނީ، ކޮވިޑް ޖެހިގެން މަރުވާ މުސްލިމުން ވަޅުލައިދޭން ތައްޔާރަށް އޮތް ކަމަށް ބުނެ ދިވެހި ސަރުކާރުން ރަސްމީކޮށް އެގައުމުގެ ފޮރިން މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ.

ސްރީލަންކާއަކީ ރާއްޖޭގެ އެކުވެރިކަމަަށް ޒަމާންތަކެއް ވެފައިވާ އިރު، ލަންކާގައި ރާއްޖޭގެ ބޮޑު އާބާދީއެއް ދިރިއުޅެއެވެ. އެގޮތުން އެގައުމުގައި ރާއްޖޭގެ 15،000 އަށްވުރެ ގިނަ ދިވެހިން ދިރިއުޅެއެވެ.