ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، މިއަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހު ތާރުއެޅުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ބުނެފިއެވެ.
އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މިހާރު މަސައްކަތް ކުރިއަށްދަނީ އިއްޒުއްދީން ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮންނަ ސަރަހައްދުގައެވެ. އެ ސަރަހައްދު ހެދުމުގެ މަސައްކަތް މިއަހަރުގެ މާޗް މަހު ފަށާފައިވާއިރު، މިހާރު ވަނީ މުހިންމު ބޮޑެތި މަސައްކަތްތަކެއް ނިންމާލާފައެވެ.
އެމްޓީސީސީން މިރޭ ބުނީ ފޭސް 1 ގައި ހިމެނޭ ހަތަރު ސެގްމެންޓެއްގެ ތެރެއިން ސެގްމެންޓް 4 އަދި 5 ގެ މަސައްކަތްތައް މިހާރު ވަނީ އެއްކޮށް ނިމިފައި ކަމަށެވެ. އަދި ސެގްމެންޓް 2 އާއި 3 ގެ މަސައްކަތް މިހާރު ބާރުމިނުގައި ކުރިއަށްދާއިރު، މުޅި ސަރަހައްދުގެ ނަރުދަމާ އާއި ފެން ހޮޅި އެޅުން ފަދަ ޔުޓިލިޓީ ހުރިހާ މަސައްކަތްތަކެއް ވަނީ ނިމިފައި ކަމަށެވެ.
ޖުލައި މަހުގެ އެއްވަނަ ދުވަހު ތާރުއަޅަން ފެށުމަށް ހަމަޖެހިފައިވަނީ މިހާރު މަސައްކަތް ނިމިފައިވާ ސަރަހައްދުތަކުގައިކަމަށް އެމްޓީސީސީން ބުންޏެވެ.
ތާރު އެޅުމުގެ މަސައްކަތް ކުރިއަށްދާ ވަގުތު، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ކާނިވާ ސަރަހައްދުގެ ޕާކިންގް ޒޯނަށް ވަންނަ ދޮރާ ހަމައަށް މަގު ބަންދުވާނެކަމަށް އެމްޓީސީސީން ބުންޏެވެ.
މުހައްމަދު އިޝާން
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
ކޮމެންޓް