ޖެނުއަރީ 2015 ގައި ވ. ރަކީދޫގައި އަނިޔާވެރި ގޮތަކަށް މަރާލި މުހައްމަދު އިބްތިހާލްގެ މައްސަލައިގައި ދައުވާ އުފުލާފައިވާ އެ ކުއްޖާގެ މަންމަ އާފިޔާ މުހައްމަދު މަނިކުގެ ވަކީލު ބަދަލުވެފައިވާތީ، ޚުލާސާ ބަޔާނަށް އިތުރު ފުރުސަތެއްދިނުމަށްފަހު މިމަހު ފަހުކޮޅު ހުކުމް އިއްވުމަށް ކްރިމިނަލް ކޯޓުން ހަމަޖައްސައިފިއެވެ.

އުމުރުން ތިން އަހަރުގެ އިބްތިހާލް މަރާލި މައްސަލައިގައި އެ ކުއްޖާގެ މަންމަ އާފިޔާ މުހައްމަދު މަނިކުގެ މައްޗަށް އުފުލާފައިވާ ގަސްތުގައި ކުއްޖަކު މަރާލުމާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާއެވެ. މި ދެ ދައުވާއަށް ޝަރީއަތް ފެށުމުގެ ކުރިންނާއި ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވި ނަމަވެސް ފަހުން އޭނާ ވަނީ އެ ދެ ދައުވާއަށް އިންކާރުކޮށްފައެވެ. މި މައްސަލާގައި ހުކުމް އިއްވުން މިދިޔަ މަހު ހަމަޖައްސާފައި ވަނިކޮށް އޭނާ ވަކީލަކު ބޭނުންވާ ކަމަށް ބުނުމުން ހުކުމް އިއްވުން ފަސްކުރިއެވެ.

ކުރިން ހަމަޖައްސައިދިން ވަކީލު ބަދަލުވެފައިވާތީ، ޚުލާސާ ބަޔާން ހުށަހެޅުމުގެ އަޑުއެހުން ފަސްކޮށްދޭން އެޓާނީ ޖެނެރަލްގެ އޮފީހުން ކޯޓުގައި އެދިފައިވާ ކަމަށް މައްސަލަ ބައްލަވާ ގާޒީ މުހައްމަދު ސަމީރު ވަނީ މިއަދުގެ އަޑުއެހުން ފެށުމާއެކު ވިދާޅުވެފައެވެ. މިއަދުގެ އަޑުއެހުމުގައި އާފިޔާގެ ވަކީލެއްގެ ގޮތުގައި ހުންނެވީ ވަކީލު ހުސްނީ މުބާރަކެވެ.

ވަކީލު ހުސްނީ ވިދާޅުވީ އޭނާއަށް އެ މައްސަލައިގެ ލިޔުންތައް އަދިވެސް ލިބިފައިނުވާތީ، ލިޔުންތައް ދިރާސާކުރުމަށް ފަހު އާފިޔާގެ ފަރާތުން ޚުލާސާ ބަޔާން ހުށަހަޅަން 10 ދުވަހުގެ މުއްދަތެއް ދިނުމަށެވެ.

އެކަމަށް ދައުލަތުން އިއުތިރާޒު ނުކުރި ނަމަވެސް މީގެ ކުރިން ދައުލަތުގެ ފަރާތުން ޚުލާސާ ބަޔާން ހުށަހަޅާފައިވާތީ އިތުރަށް ދައްކާނެ އާ ވާހަކައެއް ނެތް ކަމަށް ދައުލަތުން ބުންޏެވެ.

ގާޒީ ސަމީރު ވިދާޅުވީ ޚުލާސާ ބަޔާން ހުށަހެޅުމުގެ ފުރުސަތު އާފިޔާއަށް މީގެ ކުރިން ދީފައިވާ ކަމަށާއި އެ ފުރުސަތުގައި އާފިޔާ އަމިއްލައަށް ޚުލާސާ ބަޔާން އިއްވާފައިވާ ކަމަށެވެ. އެހެންނަމަވެސް މި މައްސަލައަކީ މަރުގެ މައްސަލައަކަށް ވާތީ ވަކީލެއްގެ އެހީއާއެކު ޚުލާސާ ބަޔާން ހުށަހަޅަން އިތުރު ފުރުސަތެއް ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ އާފިޔާގެ ފަރާތުން ޚުލާސާ ބަޔާން ހުށަހަޅަން މިމަހުގެ 24 ވަނަ ދުވަހު އަޑުއެހުމެއް ބާއްވާނެ ކަމަށާއި އެއީ ދެވޭނެ އެންމެ ފަހު ފުރުސަތު ކަމަށެވެ. އަދި ކޯޓުން މައްސަލަ ފަސްނުކުރާހާ ހިނދަކު، އެދުވަހު އާފިޔާގެ ފަރާތުން ޚުލާސާ ބަޔާން ހުށަހަޅަންޖެހޭނެ ކަމަށާއި ޚުލާސާ ބަޔާން ހުށަނޭޅިޔަސް، އިތުރު ފުރުސަތެއް ނުދެއްވާނެ ކަމަށްވެސް ގާޒީ ސަމީރު ވިދާޅުވިއެވެ.

މި މައްސަލައިގެ ހުކުމް މިމަހުގެ 28 ވަނަ ދުވަހު އިއްވާނެ ކަމަށް ގާޒީ ސަމީރު ވަނީ މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވެފައެވެ.

އާފިޔާގެ މައްޗަށް އުފުލާފައިވަނީ، 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އިބްތިހާލްގެ ކަރަށް ފިތާލައި، ނޭވާ ހާސްކޮށްލައި، އެ ކުއްޖާގެ މޭމަތީގައި ޖަހާފައިވާތީ އާއި އެކަމުގެ ސަބަބުން އެ ކުއްޖާ އެދުވަހު މަރުވެފައިވާތީ ގަސްދުގައި ކުއްޖަކު މެރުމުގެ ދައުވާއެވެ.

އާފިޔާ ވަނީ އިބްތިހާލު އޭނާގެ ބެލުމުގެ ދަށަށް އައިފަހުން ތަކުރާރުކޮށް އެކި ދުވަސް މަތިން އަނިޔާ ކުރާ ކަމަށާއި އަނިޔާއަށް ކެތް ނުކުރެވިގެން އިބްތިހާލް މަރުވި ދުވަހު ވެސް އަނިޔާ ކޮށްފައިވާނެ ކަމަށާއި ދަރިފުޅު މަރުވީ އޭނާ އަނިޔާކޮށްގެން ކަމަށް ބުނެފައެވެ. އެގޮތުން ކަރަށް ފިތާލައި މޭމަތީގައި ތިން ފަހަރު ފައިން ޖަހާފައިވާނެ ކަމަށްވެސް ބުނެފައިވެއެވެ.

މި މައްސަލައިގައި ދައުލަތުގެ ފަރާތުން އިހުމާލުވެފައިވާ ކަމަށްބުނެ ޖެންޑާ މިނިސްޓްރީގެ ބައެއް މުވައްޒަފުންނާއި ބައެއް ފުލުހުންގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވެއެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ނިންމީ އޭގެ ތެރެއިން ބައެއް ދައުވާތައް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.