ސްރިލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މުސްލިމުންނަށް އެހީވާން ސަރުކާރުން ނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޒް މިފަދައިން ވިދާޅުވީ، ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލުމުގެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް އެގައުމުގެ ސަރުކާރުން ރާއްޖޭގައި އެދުމުން، އެ އިންތިޒާމުތައް ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާކުރައްވަން ފެއްޓެވުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
ޑރ. އިޔާޒް ވިދާޅުވީ، ލަންކާގައި ކޮވިޑް ބަލީގައި މަރުވާ މުސްލިމުނާ މެދު ވަރަށް އިހާނެތިކޮށް ކަންތައް ކުރެވުންދާ ކަމަށާއި އެހެންކަމުން އެބައިމީހުންނަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދެއްވައި އެ އިހާނެތިކަމުން މުސްލިމުން ސަލާމަތްކުރުމަށް ނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށެވެ.
މީގެ އިތުރުން ޑރ. އިޔާޒް ވިދާޅުވީ، މުސްލިމުން އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވާހާ ހިނދަކު ﷲ ވޮޑިގެންވާނީ އެބައިމީހުންގެ އެހީތެރިކަމުގައި ކަމަށް ހަދީޘްގައި އައިސްފައިވާ ކަމަށެވެ.
"މިއީ މުސްލިމު އަވައްޓެރިންނަށް ދެވުނު ވަރަށް ބޮޑު އެހީތެރިކަމެއް. ޖަޒާކަﷲ ހައިރަން." ޑރ. އިޔާޒްގެ ޓުވީޓުގައިވެއެވެ.
ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ އެންމެން އެންދުން މަޖުބޫރު ކޮށްފައިވާ އިރު، އެ ބަލީގައި މަރުވާ މުސްލިމުން އަންދާތީ މުސްލިމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މުސްލިމުން ބުނަމުން އަންނަނީ މަރުވާ މުސްލިމުން އެންދުމަކީ އިސްލާމީ އުސޫލާ ހިލާފު ކަމެއް ކަމަށެވެ. އަދި އެކަމާ ގުޅިގެން އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ވެސް ވަނީ ނުރުހުން ފާޅުކޮށްފައެވެ.
ލަންކާގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު ޑރ. ހެމަންތަ ހެރަތާ ހަވާލާދީ އެގައުމުގެ ޑެއިލީ މިރާ ނޫހުން ބުނީ، ކޮވިޑް ޖެހިގެން މަރުވާ މުސްލިމުން ވަޅުލައިދޭން ތައްޔާރަށް އޮތް ކަމަށް ބުނެ ދިވެހި ސަރުކާރުން ރަސްމީކޮށް އެގައުމުގެ ފޮރިން މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ.
ސްރީލަންކާ އާއި ރާއްޖޭގެ އެކުވެރިކަމަަށް ޒަމާންތަކެއް ވެފައިވާ އިރު، ލަންކާގައި ރާއްޖޭގެ ބޮޑު އާބާދީއެއް ދިރިއުޅެއެވެ. އެގޮތުން އެގައުމުގައި ރާއްޖޭގެ 15،000 އަށްވުރެ ގިނަ ދިވެހިން ދިރިއުޅެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު