ޓެރަރިޒަމާއި ހަރުކަށި ފިކުރަކީ ރާއްޖޭގެ ގައުމީ ޝަހުސިއްޔަތާ ބީރައްޓެހި ކަންކަން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، ޔޫއެން އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން ބޭއްވި މަތީފަންތީގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކައިގައެވެ.

މި ބައްދަލުވުމަކީ ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމުގައި މައުލޫމާތާއި ބެސްޓް ޕްރެކްޓިސް ހިއްސާކުރަން ހާއްސަ ވިއުގައެއް ގާއިމުކުރަން ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތައް ހިމެނޭ ގޮތަށް ބޭއްވި ބައްދަލުވުމެކެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ، ޓެރަރިޒަމާ ދެކޮޅަށް ގައުމުތަކުން ގުޅިގެން މަސައްކަތްކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ކޮވިޑް ބަންދަށް ފަހު ރާއްޖެ ހުޅުވައިލުމުން ފަތުރުވެރިން އަލުން ޒިޔާރަތް ކުރަން ފަށާފައިވާ ކަމަށާއި ދިވެހިންނަކީ އަބަދުވެސް ސުލްހަ އާއި އަމަނަށް ލޯބި ކުރާ، ހިތްހެޔޮ ބައެއް ކަމަށެވެ. ޓެރަރިޒަމާއި ހަރުކަށި ފިކުރަކީ ރާއްޖޭގެ ގައުމީ ޝަހުސިއްޔަތާ ބީރައްޓެހި ކަންކަން ކަމަށްވެސް ވިދާޅުވިއެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރު ވަނީ ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ "ޒީރޯ ޓޮލެރަންސް" ސިޔާސަތުގެ ދަށުން، ހަރުދަނާ ފިޔަވަޅުތައް އަޅަމުން އަންނަކަން ފާހަގަކުރައްވައިފައެވެ. އަދި ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުން ކުރަމުން އަންނަ މަސައްކަތްތަކުގެ މައުލޫމާތުވެސް މިނިސްޓަރު ވަނީ ހިއްސާކުރައްވައިފައެވެ.