ސްރީލަންކާގައި ކޮވިޑް 19 ޖެހިގެން މަރުވާ މުސްލިމުންގެ ރާއްޖޭގައި ވަޅުލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގެންދަވަނީ ކަމާބެހޭ ފަރާތްތަކާ އެކުގައި މަޝްވަރާކުރައްވަމުން ކަމުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝާހިދު ވިދާޅުވީ، ކޮވިޑް ޖެހިގެން ސްރީލަންކާގައި މަރުވާ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ސްރީލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާތީ، ރާއްޖޭގައި ސްރީލަންކާގެ މިފަދަ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯއްދެވުމަށް އެދިވަޑައިގެން ސްރީލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށެވެ.
އިސްލާމީ އުހުއްވަތްތެރިކަން ދެމެހެއްޓުމުގެ މަތިވެރި ނިޔަތާއި މަގުސަދުގައި، އަދި ރާއްޖެއާ ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ރިއާޔަތްކުރައްވައި، ސްރީލަންކާގެ މުސްލިމުންނަށް ފޯރުކޮށްދެވޭ ހާއްސަ އެހީތެރިކަމެއްގެ ގޮތުގައި ސްރީލަންކާގެ ރައީސްގެ މި ހުށަހެޅުއްވުމުގައި އެދިވަޑައިގެންފައިވާ ކަންކަން އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ރައީސް ސޯލިހު ގެންދަވަނީ ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާކުރައްވަމުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ލަންކާގައި ކޮވިޑް ޖެހިގެން މަރުވާ އެންމެން އެންދުން މަޖުބޫރު ކޮށްފައިވާއިރު، އެބަލީގައި މަރުވާ މުސްލިމުން އަންދާތީ މުސްލިމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މުސްލިމުން ބުނަމުން އަންނަނީ މަރުވާ މުސްލިމުން އެންދުމަކީ އިސްލާމީ އުސޫލާ ހިލާފު ކަމެއް ކަމަށެވެ. އަދި އެކަމާ ގުޅިގެން އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ވެސް ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.
ލަންކާގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު ޑރ. ހެމަންތަ ހެރަތާ ހަވާލާދީ އެގައުމުގެ ޑެއިލީ މިރާ ނޫހުން ބުނީ، ކޮވިޑް ޖެހިގެން މަރުވާ މުސްލިމުން ވަޅުލައިދޭން ތައްޔާރަށް އޮތް ކަމަށް ބުނެ ދިވެހި ސަރުކާރުން ރަސްމީކޮށް އެގައުމުގެ ފޮރިން މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ.
ސްރީލަންކާއަކީ ރާއްޖޭގެ އެކުވެރިކަމަަށް ޒަމާންތަކެއް ވެފައިވާއިރު، ލަންކާގައި ރާއްޖޭގެ ބޮޑު އާބާދީއެއް ދިރިއުޅެއެވެ. އެގޮތުން އެގައުމުގައި ރާއްޖޭގެ 15،000 ވުރެ ގިނަ ދިވެހިން ދިރިއުޅެއެވެ.
ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު