ފްރާންސް ލީގުގައި ރޭ ޕީއެސްޖީން ލިއޯންއާ ދެކޮޅަށް ކުޅުނު މެޗުން އެޓީމު ބަލިވެފައިވާއިރު، ޕީއެސްޖީގެ ބްރެޒިލް ތަރި ނޭމާގެ ފައިގެ ކުޑަހުޅަށް ސީރިއަސް އަނިޔާއެއް ވެއްޖެއެވެ.

ރޭގެ މެޗު ލިއޯންއިން 1-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވާއިރު، އެންމެ ބޮޑު މާޔޫސް ކަމަކަށްވީ ނޭމާއަށް އަނިޔާވުމެވެ. މިހާތަނަށް ނޭމާގެ ފަރާތުން ފެންނަމުން އަންނަ އެންމެ ރަނގަޅު ފޯމުގައި މި ސީޒަންގައި ކުޅެމުން އަންނަނިކޮށް އަނިޔާވުން ވެގެންދާނީ ބޮޑު ނުތަނަވަސް ކަމަށެވެ. ބެލެވޭ ގޮތުގައި ރޭގެ މެޗުގައި ލިބުނު އަނިޔާއާއެކު ނޭމާއަށް މުހިއްމު ގިނަ މެޗުތަކެއް ގެއްލޭނެއެވެ.

ނޭމާ ފައިގެ ކުޑަހުޅަށް މީގެ ކުރިންވެސް ދެފަހަރެއްގެ މަތިން އަނިޔާ ވެފައިވައިރު، ކުޑަހުޅުގެ ކަށިކޮޅެއް ބިންދައިގެން ގޮސް ނޭމާއަށް ވަނީ ކޮޕާ އެމެރިކާގެ އިތުރުން ޕީއެސްޖީއާއެކު ހޭދަކުރި ފުރަތަމަ ސީޒަންގެ ބޮޑުބައެއްވެސް ގެއްލިފައެވެ. ރޭގެ މެޗުގައިވެސް ފެނުނީ އެ ކުޑަހުޅަށް އަނިޔާވިތަނެވެ. ކުޑަހުޅަށް ތަދުވުމާއެކު ނޭމާގެ މޫނުމަތިން ވަރަށް ބޮޑަށް މާޔޫސްކަން ފެނިގެން ގޮސްފައިވާއިރު، އޭނާ ބާލާފައި ވަނީ އަށިގަނޑުގައެވެ.

ނޭމާގެ ފަޔަށް ލިއޯންގެ ތިއާގޯ މެންޑޭޒް ކުރި ފައުލާ ގުޅިގެން ތީއާގޯއަށް ވަނީ ރަތް ކާޑުވެސް ދައްކައިފައެވެ. މެޗަށްފަހު ޕީއެސްޖީ ކޯޗު ތޯމަސް ޓުޝެލް ބުނެފައި ވަނީ މިއަދު ހަދާ ސްކޭންތަކަށްފަހު ނޫނީ ނޭމާގެ އަނިޔާއާ މެދު އެއްޗެއް ބުނަން ނޭނގޭނެ ކަމަށެވެ.

ރޭގެ މެޗުގައި ލިއޯންގެ ގޯލް ކަޑެވެއާ ޖަހާފައިވާއިރު، ރޭގެ މެޗުން ބަލިވެ ޕީއެސްޖީ ވަނީ ތިންވަނަ އަށް ވެއްޓިފައެވެ. ދެވަނައިގައި އޮތީ ލިއޯންއެވެ. މިވަގުތު ފްރާންސް ލީގުގެ އެއްވަނައިގައި އޮތީ ލިލްއެވެ.