މިސީޒަނުގައި އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ސުޕަ ޔުނައިޓެޑް (ސަސް) އިން ކްލަބު ތާރީހުގައި ފުރަތަމަ ޑިވިޝަނުގައި ކުޅުނު ފުރަތަމަ މެޗުގައި ކްލަބު އީގަލްސް ބަލިކޮށްފިއެވެ.
ގައުމީ ދަނޑުގައި މިރޭ ކުޅުނު ދިވެހި ޕްރިމިއާ ލީގުގެ މެޗު ސަސްއިން ކާމިޔާބު ކުރީ 1-0ގެ ނަތީޖާއަކުންނެވެ. މެޗުގައި ސަސްގެ ގޯލު ޖެހީ ބިދޭސީ ކުޅުންތެރިޔާ މުނޯޒް ރޮޑްރިގޭޒެވެ.
މިސީޒަނަށް އަލަށް ފުރަތަމަ ޑިވިޝަނަށް ނުކުތް ސަސް ނުކުތީ ތަޖުރިބާކާރު ގިނަ ކުޅުންތެރިންތަކެއްގެ އިތުރުން ރަނގަޅު ބިދޭސީ ކުޅުންތެރިންތަކެއްވެސް ޓީމަށް ގެނެސްގެންނެވެ. އެގޮތުން ޓީސީގެ ކެޕްޓަންކަން ކުރި އަހުމަދު ފައްރާހް (ފައްރަ)ގެ އިތުރުން ރާއްޖޭގެ ގައުމީ ޓީމުގައިވެސް މުހިއްމު ދައުރެއް އަދާކޮށްފައިވާ ޝާފިއު އަހުމަދު (ޝާފީ)އާއި އަބްދުﷲ ހަނީފް (ބެންޖޯ) ވެސް މި ސީޒަނުގައި ފެންނާނީ ސަސްއިންނެވެ. އޭގެ އިތުރުން ކުރިން ގައުމީ ޓީމަށްވެސް ކުޅުނު އަލީ އަޝްފާގު (ދަގަނޑޭ)ގެ ބޭބެ އަހުމަދު އަޝްފާންވެސް މި ސީޒަނުގައި ސަސްއަށް ގެންގޮސްފައިވެއެވެ.
އީގަލްސްއިން ވެސް މިރޭގެ މެޗަށް ނުކުތީ ޗެރިޓީ ޝީލްޑް ކާމިޔާބުކޮށް ރަނގަޅު ރޫހެއްގައި އޮވެގެންނެވެ. ބިދޭސީ ކުޅުންތެރިން އަދިވެސް ޓީމާ ގުޅިފައި ނުވުމަކީ އީގަލްސްއަށް މާޔޫސްކަމަކަށް ވެފައި އޮތް އިރު، މިރޭގެ މެޗުގައި އަނިޔާގެ ސަބަބުން އަހުމަދު ރިޒުވާން (ރިޒޭ) ކުޅެފައެއް ނުވެއެވެ.
މެޗުގެ ކުރީކޮޅުގައި ސަސްއިން ލީޑު ނެގިއެވެ. މެޗުގެ 11 ވަނަ މިނެޓުގައި ސަސްގެ ފަހަތުން އަޓްސޫޝީ ޔޮނެޒާވާ މަތިމަތިން ނަގައިދިން ބޯޅަ، އޭރިއާ ތެރޭގައި ހުރެ ބޮލުން ގޯލަށް ވައްދާލީ ވިކްޓޯ ރޮޑްރިގޭޒް މުނޯޒެވެ.
ހާފުގައި އިތުރު ނުރައްކާތެރި ހަމަލާތަކެއް ނުފެނުނު އިރު، މެޗުގައި ފެނިގެން ދިޔައީ ހަމަހަމަ ކުޅުމެކެވެ. ހަސަން ރާއިފް އަހުމަދު (ހަންނަ) ދުރުން ފޮނުވާލި ހަމަލާއެއްގެ އިތުރުން ދެން އެކަށޭނެ އެޓޭކެއް އީގަލްސްއަށް އުފެއްދިފައެއް ނުވެއެވެ. އެންމެ ކްރިއޭޓިވް ކުޅުންތެރިޔާ ރިޒޭ ދަނޑުމަތީގައި ނެތްތަން އީގަލްސްގެ އެޓޭކުން ވަރަށް ބޮޑަށް ފާހަގަކޮށްލެވުނެވެ.
ދެވަނަ ހާފުގައި މެޗުގައި ހަމަލާތައް މަދުކޮށް ފެނިގެން ދިޔަ އިރު، އީގަލްސްއަށް ނަތީޖާ ހަމަހަމަކުރުމަށް ދެ ފުރުސަތެއް ފަހިވެގެން ދިޔައެވެ. ހާފުގެ ކުރީކޮޅުގައި ހުސެއިން ސިފާއު ޔޫސުފް (ކުރޯ) ނެގި ހުރަހެއް ހައިޝަމް ހަސަން ބޮލުން ޖެހުމުން އަމާޒުވީ ގޯލްކީޕަރުގެ އަތަށެވެ. އޭގެ ފަހުން ހަސަން ރާއިފް އަހުމަދު (ހަންނަ) ހަނި އޭންގަލުން، ކީޕަރު ކައިރިން ވެސް ނައްޓާލާފައި ފޮނުވާލި ބޯޅަ ލައިން މަތިން ސަސްގެ ކެޕްޓަން އަބްދުﷲ ހަނީފް (ބެންޖޯ) ދިފާއުކުރިއެވެ.
ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މިއަދު ފަށާފައިވާ އިރު، މެޗުތައް މާދަމާވެސް އޮންނާނެއެވެ. މާދަމާ ހަވީރު އޮންނަ މެޗުގައި ވާދަކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި ދަ ގްރާންޑޭއެވެ. މާދަމާ ރޭގެ މެޗުގައި ވާދަކުރާނީ ގްރީން ސްޓްރީޓްސް އާއި ވެލެންސިއާއެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު