ރައްޔިތުންނަށް ދޭ އާންމު ހިދުމަތްތަކުގެ އަގު ކޮންޓްރޯލް ކުރުމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އުފައްދަން ލާޒިމުކޮށް، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ "ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ބިލް" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފިއެވެ.

ސަރުކާރުގެ ފަރާތުން ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފު ހުށަހެޅުއްވި މި ބިލު މަޖިލިހުން ފާސްކުރީ، މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތިއްބެވި، 72 މެންބަރުންގެ ތެރެއިން 63 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

މި ބިލުގައިވާ ގޮތުން އާންމު ބޭނުންތަކުގެ ހިދުމަތްތައް ދިނުމާ ގުޅޭ ކަންކަން ތަންޒީމު ކުރުމަށްޓަކައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ނަމުގައި އޮތޯރިޓީއެއް އުފައްދަން ވަނީ ކަނޑައަޅައިފައެވެ.

އެ އޮތޯރިޓީގެ މަގުސަދުތަކުގެ ތެރޭގައި އާންމު ބޭނުންތަކުގެ ހިދުމަތްތަކަކީ ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް އެކަށީގެންވާ ހެޔޮ އަގެއްގައި، ހަރުދަނާކަމާއި އިތުބާރާއެކު ދެމެހެއްޓެނިވި ގޮތެއްގެ މަތިން ފޯރުކޮށްދެވޭނެ ހިދުމަތަކަށް ހެދުން ހިމެނެއެވެ. އަދި އެ ހިދުމަތަކީ ރައްޔިތުންގެ ބޭނުންތައް ފުއްދައިދެވޭނެ، ކާމިޔާބުކަމާއެކު ރަނގަޅު ފެންވަރުގައި ދެވޭ ހިދުތަކަށް ހެދުމާއި ހިދުމަތް ފޯރުކޮށްދިނުގައި ބޭއިންސާފުން ކުރާ ކަންކަން ހުއްޓުވުމާއެކު ވާދަވެރި ވެއްޓެއް ގާއިމުކޮށް ހިދުމަތްތައް ކުރިއެރުވުމަށް މަގުފަހިކުރުން ވެސް މި އޮތޯރިޓީގެ މަގުސަދުތަކުގެ ތެރޭގައި ހިމަނާފައިވެއެވެ.

މި އޮތޯރިޓީ އުފެއްދެވުމުން، އެންމެހައި އާންމު ހިދުމަތްތައް ދެވޭނީ މި އޮތޯރިޓީން ދޫކުރާ ލައިސަންސެއްގެ ދަށުންނެވެ. އަދި އެ ލައިސަންސްގެ ދަށުން ދޫކުރާ ހިދުމަތްތަކަށް އަގު ނެގޭނީ އޮތޯރިޓީން ކޮންޓްރޯލްކޮށް ލައިސަންސްގައި ކަނޑައަޅާފައިވާ ގޮތަށް ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

މި ބިލުން އާންމު ހިދުމަތްދޭ ހުރިހާ ތަންތަން ބަލައި ފާސް ކުރުމާއި ރެގިއުލޭޓް ކުރާނެ އުސޫލުތަކާއި ގަވާއިދުތައް ހެދުމުގެ ބާރު ވަނީ އޮތޯރިޓީއަށް ދީފައެވެ.

ގާނޫނާ ހިލާފުވާ އެކި މައްސަލަތަކުގައި 1000 ރުފިޔާއިން ފެށިގެން އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު އޮތޯރިޓީއަށް ދީފައިވާ އިރު، ބައެއް މައްސަލަތައް ޝަރީއަތަށް ފޮނުވުމުގެ ބާރުވެސް އެ އޮތޯރިޓީއަށް ދީފައިވެއެވެ.

މި ބިލުގައިވާ ގޮތުން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ކަންކަން ކުރިއަށްގެންދަން ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ޑިރެކްޓަރުންގެ ބޯޑެއް އައްޔަން ކުރަން ޖެހެއެވެ. މި ބޯޑަށް މެންބަރުން އައްޔަން ކުރުމާއި ވަކި ކުރުމުގެ ބާރު ބިލުން ދީފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.