ދަށު ކޯޓުތަކާއި ހައިކޯޓުގެ ހުކުމްތަކަކީ ނިހާއީ ހުކުމްތަކެއްކަން ކަށަވަރު ކުރުމަށް އިސްތިއުނާފު ކުރުމާ ބެހޭ އުސޫލުތައް ކަނޑައަޅައި ސުޕްރީމް ކޯޓުން ކުރިން ނެރުނު ތިން ސާކިއުލާއެއް އެ ކޯޓުން މިއަދު ބާތިލުކޮށްފިއެވެ.
ސުޕްރީމް ކޯޓުން ބާތިލު ކުރީ ހައިކޯޓުގެ ހުކުމްތަކަކީ ނިހާއީ ހުކުމްތަކެއްކަން ކަށަވަރުކުރުމަށް އެ ކޯޓުގައި އިސްތިއުނާފު ކުރުމާ ގުޅޭގޮތުން 2015 ވަނަ އަހަރު ނެރުނު އެސްސީ/2015/13 އާއި ދަށު ކޯޓުތަކުން ކުރާ ހުކުމްތަކަކީ ނިހާއީ ހުކުމެއްކަން ކަށަވަރުކުރަން ހައިކޯޓުގައި އިސްތިއުނާފު ކުރުމާ ގުޅޭގޮތުން 2014 ވަނަ އަހަރު ނެރެފައިވާ އެސްސީ/2015/14ގެ އިތުރުން ފުރަތަމަ މަރުހަލާގައި ނިންމާ ދުސްތޫރީ މައްސަލައެއްގެ ހުކުމަކީ ނިހާއީ ހުކުމެއްކަން ކަށަވަރު ކުރަން އިސްތިއުނާފު ކުރުމާ ގުޅޭގޮތުން 2016 ވަނަ އަހަރު ނެރުނު އެސްސީ/2016/04 ސާކިއުލާއެވެ.
ސުޕްރީމް ކޯޓުގެ އެސްސީ/2015/13 ސާކިއުލާގައި ވަނީ ކޯޓުތަކުން ނިންމާ ޖިނާއީ މައްސަލަތަކުގެ ތެރެއިން އެ މައްސަލައެއްގެ ހުކުމް ތަންފީޒުކުރުމަށްޓަކައި ހައިކޯޓުގެ ހުކުމަކީ ނިހާއީ ހުކުމެއްކަން ސުޕްރީމް ކޯޓުން ކަށަވަރުކުރަން ޖެހޭ މައްސަލަަތަކުގައި، ހައިކޯޓުން އެ މައްސަލައެއްގައި ހުކުމް ކުރާތާ ބަންދު ދުވަސް ހިމެނޭހެން 30 ދުވަހުގެ ތެރޭގައި އިސްތިއުނާފުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅަން ވާނެ ކަމަށެވެ. އަދި އެ މުއްދަތު ތެރޭގައި އިސްތިއުނާފު ނުކޮށްފި ނަމަ އެ ހުކުމަކީ ނިހާއީ ހުކުމެއްކަން ކަށަވަރުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)އިން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ޖެހޭނެ ކަމަށް އެ ސާކިއުލާގައިވެއެވެ.
ސުޕްރީމް ކޯޓުގެ އެސްސީ/2015/14 ސާކިއުލާގައި ވަނީ ދަށު ކޯޓުތަކުން ނިންމާ ޖިނާއީ މައްސަލަތަކުގެ ތެރެއިން އެ މައްސަލައެއްގެ ހުކުމް ތަންފީޒު ކުރުމަށްޓަކައި ހައިކޯޓުގައި އިސްތިއުނާފު ކުރެވި، ހައިކޯޓުން ހުކުމް ކަނޑައަޅަން ޖެހޭ، އަދި ހައިކޯޓުގެ ހުުކުމަކީ ނިހާއީ ހުކުމެއްކަން ސުޕްރީމް ކޯޓުން ކަށަވަރުކުރަން ޖެހޭ މައްސަލަތަކުގައި، ދަށު ކޯޓުން އެ މައްސަލައިގައި ހުކުމް ކުރާތާ ދިހަ ދުވަހުގެ ތެރޭގައި އެ މައްސަލައިގައި އިސްތިއުނާފު ކުރުމުގެ ހައްގު އޮތް ފަރާތުން އެ މައްސަލަ ނިންމި ކޯޓެއްގައި، އިސްތިއުނާފު ކުރަން އެދޭކަން ކަށަވަރު ކުރަން ޖެހޭނެ ކަމަށެވެ. އެ މުއްދަތު ތެރޭގައި ކަށަވަރު ނުކޮށްދީފި ނަމަ ދިހަ ދުވަހުގެ މުއްދަތު ހަމަވުމަށްފަހު، ހުކުމް ކުރި ކޯޓުން މައްސަލައިގެ ފައިލް ލިޔުންތަކާއެކު ހަތް ދުވަހުގެ ތެރޭގައި ހައިކޯޓަށް ފޮނުވަން ވާނެ ކަމަށާއި ފައިލް ލިބޭތާ ހަތް ދުވަހުގެ ތެރޭގައި ޕީޖީއަށާއި ދަށު ކޯޓުގައި ދައުވާ ލިބޭ ފަރާތަށް އަންގައި ހައިކޯޓުން މައްސަލަ ބަލައި ނިންމަން އިޖުރާއީ ފިޔަވަޅު އަޅަންވާނެ ކަމަށް ސާކިއުލާގައި ވެއެވެ.
ސުޕްރީމް ކޯޓުގެ އެސްސީ/2016/04 ސާކިއުލާގައި ވަނީ ފުރަތަމަ މަރުހަލާ ކޯޓަކުން މައްސަލައެއް ބަލައި ނިންމުމުގައި ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ނުވަތަ ގަަވައިދެއް ނުވަތަ ގަވައިދެއްގެ ބައެއް ވިޔަސް ބާތިލުކަމަށް ކަނޑައަޅައި ހުކުމްކޮށްފިނަމަ ފުރަތަމަ މަރުހަލާގައި ހުކުމް ކުރާތާ ދިހަ ދުވަހުގެ ތެރޭގައި އެ މައްސަލަ އިސްތިއުނާފުކުރުމަށްޓައި ބަންޑާރަ ނައިބު ނުވަތަ މައްސަލަ އިސްތިއުނާފު ކުރުމުގެ ހައްގު އޮތް އެހެން ފަރާތަކުން އެ މައްސަލަ ނިންމި ކޯޓެއްގައި، އެ ނިންމުން އިސްތިއުނާފު ކުރަން އެދޭކަން ކަށަވަރުކުރަންޖެހޭނެ ކަމަށެވެ.
އެ މުއްދަތު ތެރޭގައި އިސްތިއުނާފު ކުރަން ހުށަނާޅައިފި ނަމަ ދިހަ ދުވަހުގެ މުއްދަތު ހަމަވުމަށްފަހު ހުކުމް ކުރި ކޯޓުން މައްސަލައިގެ ފައިލް ލިޔުންތަކާއެކު ހަތް ދުވަހުގެ ތެރޭގައި ހައިކޯޓަށް ފޮނުވަންވާނެ ކަމަށްވެއެވެ. އަދި ހައިކޯޓަށް ފައިލްކުރި ލިޔުންތައް ލިބޭތާ ހަތް ދުވަހުގެ ތެރޭގައި ބަންޑާރަ ނައިބަށާއި މައްސަލައިގައި ހިމެނޭ ފަރާތްތަކަށް އަންގައި އެ ކޯޓުން މައްސަލަ ބަލައި ނިންމުމަށްޓައި އިޖުރާއީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް ބުނެފައިވެއެވެ.
ސުޕްރީމް ކޯޓުން މި ތިން ސާކިއުލާ ނެރުނީ އުއްތަމަ ފަނޑިޔާރު ކަމުގައި އަބްދުﷲ ސައީދު ހުންނެވި އިރުއެވެ. ނަމަވެސް އެއިރު ސުޕްރީމް ކޯޓުގައި ތިއްބެވި ހުރިހާ ފަނޑިޔާރުން މިހާރު ވަނީ ބަދަލުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު